މާލޭ މަސް މާރުކޭޓުގައި މަސްވިއްކަން އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، ރޯމަސްމާރުކޭޓްގައި މަސްވިއްކަން އެދޭފަރާތްތަކުން އެކަމަށް އެދި ރަޖިސްޓަރީ ވުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މަސް މާރުކޭޓުގައި މަސް ވިއްކަން އެދޭ ފަރާތްތަކުން ސިޓީއާއި އެކު އެފަރާތުން މަސްވެރިކަމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ އާއި، މަސްވިއްކަން އެދޭފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅަންޖެހެއެވެ.
ސިޓީ ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 13:00 ށް މާލޭ ސިޓީކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭބަޔާއި، ދަތުރުވެރިންގެ މާރުކޭޓް އޮފީހުން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
އަދި މެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން harbour@malecity.gov.mv ) މެއިލް ކުރެވޭނެ ކަމަށާއި، ސިޓީބަލައި ގަތުމުގެ އެންމެ ފަހު ތާރީޚް އަކީ 2021 ޖޫން 10 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ މޭޔަރ މުއީޒްވަނީ ލޯކަލް މަސްމާރުކޭޓަށް ގިނަ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މެޔަރ މުއީޒް ވިދާޅުވީ މިހާރު މަސްވެރިންނަށް މަސް މާރުކެޓުގައި މަސް ވިއްކޭނެ ނިޒާމެއް ނެތް ކަމަށެވެ. އަދި މަސް ގަނެ ވިއްކާ ފަރާތްތަކަށްވެސް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ގުރުއަތުލައިގެން މަސް ވިއްކޭނެ ނިޒާމެއް އަލުން ޤާއިމް ކުރު
މަށް ނިންމާފައިވާ ކަމަށް މުއީޒް ވިދާޅުވިއެވެ. މުއީޒް ވިދާޅުވީ އައިސްވެސް އަޅާފައި އަށިމަތީގައި މަސް ވިއްކޭނެ ގޮތަށް ބަދަލުތަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެއާ އެކު މަސް މާރުކެޓުން އަބަދުވެސް އައިސް ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި، ކުދިމަސް ވިއްކާ ފަރާތްތަކަށްވެސް ހުކުރު ދުވަސްތަކުގައި ބޭނުން ކުރެވޭނެ ގޮތެއް ހަމަޖައްސައިދީފައިވާނެ ކަމަށް މުއީޒް ވިދާޅުވިއެވެ.



