ސ. ހިތަދޫ ވިދުވަރު-1 ދޯނީގެ ފަރާތުން ފަރެސްމާތޮޑާ ރައްޔިތުންނަށް 1800 ކިލޯ ކަނޑުމަސް ހަދިޔާކޮށްފިއެވެ.
ކޯވިޑް-19ގެ ކޭސްތަކެއް ފެނިގެން ފަރެސް މާތޮޑާ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
އެގޮތުން މިރަށުން މިހާތަނަށް 21 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މި އައުޓްބްރޭކްއާއި ގުޅިގެން 83 ގެއެއް ވަނީ ކަރަންޓީންކޮށްފައެވެ. ކަރަންޓީނަށް ލާ ގެތަކުގެ ފަރާތްތަކަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި އެހެން ފަރާތްތަކަށްވެސް މިގެތަކަށް ވަނުން މަނާވާނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިންދަނީ އެކި ރަށްރަށަށް މިގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކަރަންޓީންކޮށްފައިވާ ގެތަކަށް މަސް ފޯރުކޮށްދީ ވެދެވެން އޮތް އެހީތެރިކަމެއް މަސްވެރިންދަނީ ފޯރުކޮށްދެމުންނެވެ.