މަހަށް ނިކުމެ އުޅުނު ދޯންޏަކުން އެންދަމަން ފޭބި މީހަކު ނިޔާވެއްޖެ އެވެ.
މިހާދިސާގައި ނިޔާވެފައިވަނީ އައްޑޫސިޓީ ހިތަދޫ މޯހިރު ދޯނިން މަހައްދާ އުމުރުން 59 އަހަރު މުޙައްމަދު މުޙައްމަދު ރަޝީދުއެވެ. އޭނާއަކީ ހިތަދޫ މީހަކާ އިނދެކެން އުޅޭ ހދ. ވައިކަރަދޫ މީހެކެވެ.
މަސްވެރިން އެމްވީއަށް މަޢުލޫމާތު ދެމުން މޯހިރު ދޯނީގެ ކެޔޮޅު ބުނީ ރަޝީދު ނިޔާވީ މިއަދު ހެނދުނު އެންދަމަން މޫދަށް ފައިބާ އުޅެނިކޮށް ހާޓުއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ. އޭނާ މޫދަށް ފޭބީ ދަލުގައި ހިފަން ކަމަށް ކެޔޮޅު ބުންޏެވެ.
"ފަތިހު 4:30 ކަންހާއިރު މިހާދިސާ ހިނގީ. ރަޝީދު އޮތީ ދަލަށް ދަމަން މޫދުގައި. ދާ ނަގަމުން ދިޔައިރު ރަޝީދު އަތުގައި އޮތް ދަލުގެ ކަން މައްޗަށް ނާރާހެން ފާހަގަވެގެން ދޯނީ ކުއްޖަކު ގޮވާލި އަވަހަށް ދަމާށޭ. އެއްވެސް ހަބަރެއް ނުވި. ދެން މޫދުގަ އޮތް އެހެން ކުއްޖަކު ރަޝީދުބެ ކައިރިއަށް ގޮސް ބެލިއިރު އެއްވެސް ހަރަކާތެއްނެތް. ދެން އަވަހަށް ދޯންޏަށް ނަގާފަ ދޯނީގަ ދެވެން ހުރި ފަރުވާއެއް ދެމުން ފުލުހުންނަށް އަންގާފަ އަޅުގަނޑުމެން ނައްޓާލީ އެންމެ ކައިރިން ދެވެން އޮތް ދެއްވަދުއަށް ދިއުމަށް." މޯހިރު ދޯނީގެ ކެޔޮޅު ބުންޏެވެ.
ފުލުުހުން ވިދާޅުވީ ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ހާލު ދެރަވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.
އަދި މި ހާދިސާއާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.


