މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 425 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މަސްވެރިން އަތުން މަސް ގަންނަމުން ދާ މިންވަރަށް އޭގެ އަސަރެއް ނުކުރާ ކަމަށެވެ.
އެގޮތުން ހުސްވި އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަނެފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި ގާތްގަނޑަކަށް 8000 ޓަނު އިތުރަށް ގަނެވިއްޖެ، މިދިޔަ އަހަރު މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދޫކުރިން، މިއަހަރުގެ މިހާތަނަށް 425 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން، އެއީ ގާތްގަނޑަކަށް 27،000 ޓަނުގެ މަހުގެ ފައިސާ." އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ދޫކުރާ ފައިސާ އާއި އެކު އިޤްތިސާދަށްވެސް އޭގެ ފައިދާތައް ކުރާނެ ކަމަށެވެ. ކޯވިޑާއި އެކު ގިނަ ދަތިތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް މިފްކޯގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.
"މިފްކޯގެ ސްޓާފުން މިކުރާ މަސައްކަތްތަކަށް ޝުކުރު ހައްޤު، މަސްވެރިން މީގަ ހިމެނޭ ގޮތަށް، ޕެންޑަމިކްއެއްގެ ތެރޭގައި ނުހުއްޓި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ލިބުންކަމީ ގިނަ ފިލާވަޅުތަކެއް ދަސްކޮށް، ހިންގުން ހަރުދަނާކުރުމަށް ލިބުނު ފުރުސަތެއް". އިސްމާއިލް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް މިފްކޯއަށް ގިނަ އަދަދެއްގެ މަސް ކިރާފައިވާއިރު، މިއަހަރުގެ އޭޕްރީލް މަސް ވެގެން ގޮސްފައިވަނީ އާދަޔާޙިލާފަށް މަސްވެރިކަން ރަނގަޅުވެގެން ދިޔަ ދުވަސްވަރަކަށެވެ. އޭޕްރީލް މަހު ދެކުނުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯއިން މަސް ގަތީ ކޮންޓްރޯލް ކޮށްގެންނެވެ.



