މާލޭ މަސް މާރުކެޓުގައި އަށިމަތީގައި ބަހައްޓައިގެން މަސް ވިއްކޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓުގައި މަސް ވިއްކާ އުސޫލަށް ބަދަލު ގެންނަން ނިންމީ މަހުގެ ތާޒާކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް މަސް ވިއްކުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.
މީގެކުރިން މަސް މާރުކެޓުގައި މަސް ވިއްކަމުން އައީ އައިސް ފޮށި ތަކުގައިއެވެ. މަސް މާރުކޭޓުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ކައުންސިލުން ވަނީ މަސްވެރިންނާއި މަސް ގަނެ ވިއްކާ ފަރާތްތަކާއި އެކު މަޝްވަރާތައްކޮށްފައެވެ. އަދި ކުރިއަށް އޮތްތާގައި އިތުރު ބަދަލުތައް މަސްމާރުކޭޓަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިގޮތުން އެތަނުން ދޭ ޚިދުމަތާއި ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ހާމަކުރެއެވެ.
މަސް މާރުކޭޓަށް ގެންނަން ނިންމާފައިވާ އިތުރު ބަދަލުތަކުގެތެރޭގައި މަސްމާރުކޭޓްގައި މަސްވެރިންނާއި، މަސް ގަނެ ވިއްކާ މީހުންނަށް މާރުކާޓުން ހަމަހަމަ ފުރުޞަތު ދިނުމުގެ ގޮތުން ގުރުއަތު ނަގައިގެން އަށި ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކުދި މަސް ވިއްކާ ގޮޅިތައް ކުރިން، ހަފްތާ ބަންދުގައި ދޫނުކުރިނަމަވެސް، މިހާރު ހުކުރު ދުވަހުވެސް ކުދި މަސް ވިއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. އަދި އެން ހިފައިގެން އަންނަ މަސްވެރިންނަށް ބަނދަރުގައި މަޑުކޮށްލައިގެން ތިބެވޭނެ ޖާގައެއްވެސް ހަމަޖައްސާފައިވާކަމަށްވެސް ކައުންސިލުން ވިދާޅުވެއެވެ.


