މިފްކޯގެ މަސްކިރާ ބޯޓެއް ކަމަށްވާ “ރަންދި 26″އިން މިހާތަނަށް 10 މުވައްޒަފުން ޕޮޒިޓިވްވެފައިވާތީ، އެ ބޯޓަށް ހުސްވި ހަފްތާތެރޭ މަސް ކިރަން ގާތްކުރި 25 ދޯންޏެއް ކަރަންޓީންވާން އެދިއްޖެއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިކަން ހާމަކޮށް ފޭސްބުކްގައި ޝާއިރުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެބޯޓަށް މަސްކިރާފައިވާ ދޯނި ފަހަރުގެ ފަޅުވެރިން 14 ދުވަހަށް ކަރަންޓީނުވެ އަދި އެހެން އެއްވެސް ފަރާތަކާއި ދިމާވެފައިވާނަމަ އެފަރާތް 7 ދުވަހަށް އެކަހެރިވުމަށެވެ.
" ރަންދި 26 އިން 10 މުވައްޒަފުން މިވަނީ ކޯވިޑް 19 އަށް ފައްސި ވެފައި ، ތިރީގައި މިދަންނަވާ ދޯނި ފަހަރަކީ ނިމިދިޔަ ހަފްތާގައި އެބޯޓަށް މަސްކިރާފައިވާ ދޯނި ފަހަރު، އެހެން ކަމުން އެންމެންގެ ރައްކާތެރި ކަމަށްޓަކާ މިދޯނި ފަހަރުގެ ފަޅުވެރިން 14 ދުވަހަށް ކަރަންޓީނުވެ އަދި އެހެން އެއްވެސް ފަރާތަކާއި ދިމާވެފައިވާނަމަ އެފަރާތް 7 ދުވަހަށް އެކަހެރިވުމާއި އެއްވެސް ފަރާތަކަށް ކޯވިޑް 19 ގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ލަސްނުކުރައްވާ ކަމާއި ބެހޭ ފަރާތްތަކަށް އެންގެވުން އެދެން،" ކޫއްޑޫއިން ކޮށްފައިވާ ޕޯސްޓުގައިވެއެވެ.
މި ޕޯސްޓާއި އެކު އެ ބޯޓަށް މަސް ކިރުވަން ގާތްގަކުރި މަސް ދޯނިފަހަރުތަކުގެ ތަފްސީލްތަށްވެސް ހާމަކޮށްފައެވެ.
ރަންދި 26 އިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާކަން ހާމަކޮށްފައިވަނީ އިއްޔެއެވެ. އޭރު ކޫއްޑޫއިން ބުނެފައިވަނީ ބޯޓުގެ 4 ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވްވީ އެ މުވައްޒަފުން ރޯގާ ޖެހިގެން ޓެސްޓު ކުރުމުން ހެދި ޓެސްޓުތަކުންކަމަށެވެ.