116975637_116796100127906_3075465031443214236_n

"މަސްވެރި އިހަވަންދޫ"ގެ ނަމުގައި މަސްވެރިކަމަށް ޚާއްޞަ ޖަމްއިއްޔާއެއް އުފައްދައިފި

"މަސްވެރި އިހަވަންދޫ"ގެ ނަމުގައި މަސްވެރިކަމަށް ޚާއްޞަ ޖަމްއިއްޔާއެއް އިހަންވަންދޫގައި އުފައްދައިފިއެވެ.

މި ޖަމްޢިއްޔާގެ މަޤްޞަދަކީ އިހަވަންދޫގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި، ޚާއްޞަކޮށް އިހަވަންދޫގެ މަސްވެރިންގެ ހައްޤުގައި މަސައްކަތްކޮށް މަސްވެރިންނަށް ފަހި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. ޖުމްލަކޮށް މުޅި ރާއްޖޭގެ މަސްވެރިކަން ޕްރަމޯޓްކޮށް މަސްވެރިކަމާ ގުޅުންހުރި އެކިއެކި ހަރަކާތްތައް ރާވާ ހިންގުމެވެ.

މިޖަމްއިއްޔާގެ މުއައްސިސުންނަކީ މަޝްހޫރު ވިޔަފާރިވެރިޔާ އޮމެގާ އަހުމަދު ނަސީރާއި އަބްދުﷲ އިރުޝާނެވެ.

"މަސްވެރި އިހަވަންދޫ" އަކީ މީގެ އަހަރެއްހާ ދުވަސްކުރިން ފޭސްބުކް ގައި އުފެއްދި ޕޭޖެކެވެ. މި ޕޭޖުން އިސްނަގައިގެން އެކިއެކި ހަރަކާތްތައް ހިންގުމުގެ ނަތީޖާއަކީ އާންމުންގެ މެދުގައި ވަރަށް މަޤުބޫލް ޕޭޖަކަށް މި ޕޭޖު ވުމެވެ. މަސްވެރި އިހަވަންދޫގެ ޕޭސްބުކް ޕޭޖު އުފެދުނު ފަހުން މަސްވެރިކަމާ ގުޅޭ އެކިއެކި މަޢުލޫމާތާއި، މަސްވެރިކަމާ ގުޅުންހުރި ރީތި ފޮޓޯއާއި ވީޑިއޯ މި ޕޭޖުގައި ދަނީ ހިއްސާކުރަމުންނެވެ. ފޭސްބުކް މެދުވެރިކޮށް ފެށި މި މަސައްކަތް މަދަނީ ޖަމްއިއްޔާއަކަށް ފުޅާވެގެން ދިޔައީ އާންމުގެ ފަރާތުން ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް މި ޖަމްއިއްޔާއިން ބުނެއެވެ.

ޖަމްއިއްޔާ އުފެދުނު ފަހުން އިހަވަންދޫގައި ވަނީ މި ޖަމްއިއްޔާގެ ފުރަތަމަ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އުރީދޫއާއި މަސްވެރި އިހަވަންދޫ ޖަމްއިއްޔާ ގުޅިގެން ރަށުގެ މަސްވެރިންނަށް ޓީޝާޓް ބެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިހަވަންދޫއަކީ ރާއްޖޭގެ އެންމެ ގިނަ މަސްވެރި އުޅަނދުފަހަރު ދުއްވާ އެއްރަށެވެ. އަދި ރާއްޖޭގައި ކުރާ ޒަމާނީ މަސްވެރިކަމަށް މަޝްހޫރު ރަށެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!