ކޫއްޑޫގެ ކަލެކްޓަރ ވެސަލް ' ރަންދި 26' ގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، ކޫއްޑޫއިން ނެގި ރޭންޑަމް ސާމްޕަލްތަކުގެތެރެއިން 2 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކޮށްފިއެވެ.
ކޫއްޑޫގައި ރަންދި 26 ބޯޓުގެ މުވައްޒަފުންނާއި ޑައިރެކްޓް ކޮންޓެކްޓް މުވައްޒަފުން މިހާރުވަނީ އެކެހެރި ކުރެވިފައިވާ އެ ކޮމްޕްލެކްސްއިން ހާމަކުރެއެވެ.
ކޫއްޑޫގައި ކޮވިޑްގެ އައުޓްބުރޭކެއް އުޅޭއިރު މިހާލަތުގައިވެސް ކޫއްޑޫގެ އޮޕްރޭޝަންތަށް ކުރިއަށްގެންދެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއެވެ. އަދި މިއާ އެކު ކޫއްޑޫ ޖެޓީއިން މަސްވެރިންނަށް ޙިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމާއި އެކު މަސްވެރިންގެ އެހީތެރިކަމާއި އެއްބާރުލުން މިވަގުތު ކޫއްޑޫއަށް ބޭނުންވާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.
ކޫއްޑޫއިންވަނީ މިހާލަތުގައި މަސް ކިރުވުން ކުރިއަށް ގެންދިޔުމުގައި އަމަލުކުރާނެ ޙާއްސަ އުސޫލެއް ކަނޑައަޅާފައެވެ.
މި އުސޫލްތަކަކީ،
1- ކޫއްޑޫ އާއި ބޯޓް ފަހަރަށް މަސް ކުރުވާނެ ވަގުތަކީ ހެނދުނު 8:00 އިން ރޭގަނޑު 11:00 ކަމަށް ކަނޑައެޅުން
2- މަސް ހޮވުމަށް އެއްވެސް ކިއު އޭ ގްރޭޑަރ އެއް ދޯންޏަށް ނޭރުން ( ނަމަވެސް ކިއު އޭ ގްރޭޑަރ ޖެޓީގައި ހުރެގެން ދެވޭ އިރުޝާދާއި އެއް ގޮތަށް ބާސްކެޓް އަށް މަސް އެޅުން، ދޯނީގައި މަސްވެރިންގެ ތެރެއިން ވަތުން މަސް ނަގާ އަދި ބާސްކެޓަށް މަސް އަޅާ އިރުވެސް އަންގި ލައްވައިގެން އަދި މާސް އަޅައިގެން ތިބުން)
3- މަސް ކިރާ ޕޮއިންޓަށް މަސްވެރިން ވަނުން މަނާކުރުން، ( މަސް ކިރާ ކައްޓާ ބަލަން އަންނަ ފަރާތް މަޑުކުރަން މިހާރު ނިންމާފައިވާ އޭރިއާ އަށް މަސްވެރިއާ އަންނަވާނީ ރަނގަޅަށް އައި ދޮވެގެން އަދި މާސްކު އަޅައިގެން)
4- އެއްވެސް ދޯންޏަކުން ކައްޓާ ޗެކު ކުރަން އަރާ މީހާގެ އިތުރުން އެއްވެސް ފަރާތެއް ޖެޓީއަށް އެރުން މަނާކުރުން
5- ތެލާއި ފެން އަޅާއިރުވެސް ރަށު ތެރެއަށް އެއްވެސް ފަރާތެއް އެރުން މަނާކުރުން
6-މަސް ކިރާ ނިމުމުން އަވަހަށް ޖެޓީއިން ދޯނި ހައްޓާލަން ޖެހޭނެ ކަމަށް އާ އުސޫލުގައިވެއެވެ.
ރަންދި 26 އިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާކަން ހާމަކޮށްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭރު ކޫއްޑޫއިން ބުނެފައިވަނީ ބޯޓުގެ 4 ފަޅުވެރިން ކޮވިޑަށް ޕޮޒިޓިވްވީ އެ މުވައްޒަފުން ރޯގާ ޖެހިގެން ޓެސްޓު ކުރުމުން ހެދި ޓެސްޓުތަކުންކަމަށެވެ.
މި ބޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ޕޮވިޓިވްވުމާއި ގުޅިގެން ކޫއްޑޫއިން މިމަހުގެ 13ވަނަ ދުވަހުވަނީ އެ ބޯޓަށް ހުސްވި ހަފްތާތެރޭ މަސް ކިރަން ގާތްކުރި 25 ދޯންޏެއް ކަރަންޓީންވާން އެދި، މަސް ކިރާފައިވާ ބޯޓުތަކުގެ ތަފްސީލް އާމްކޮށްދައެވެ.