WhatsApp Image 2021-06-20 at 18.08.54

ފާނައިގެ އަގަށް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ، އަގު އެއްވަރެއްގައި ހުންނަތާ 15 އަހަރުވެދާނެ: ޒަކީ

ފާނައިގެ މަސްވެރިކަމަކީ ރާއްްޖޭގައި ބައެއް އަތޮޅުތަކުގައި އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސްވެރިކަމެކެވެ. ފާފު އަތޮޅަކީ ފާނައިގެ މަސްވެރިކަމަށް ޚާއްޞަ އަތޮޅެކެވެ. މި މަސްވެރިކަން ރާއްޖޭގައި ކުރާތާ ގިނަ ޒަމާންތަކެއްް ވެފައިވީ ނަމަވެސް މި ދާއިރާއަށް އެދެވޭ ތަރައްޤީތަކެއް އައިސްފައެއް ނުވެއެވެ.

ފާނައިގެ މަސްވެރިކަމަށް މަޝްހޫރު އެތަކެއް ކެޔޮޅުންނެއް ރާއްޖޭގައި އުޅެއެވެ. މީގެތެރެއިންވެސް ފ. ބިލެއްދޫ އަޙުމަދު ޒަކީއަކީ ފާހަގަކޮށްލެވޭ ކެޔޮޅެކެވެ. އޭނާ ފާނަ މަސްވެރިކަން ކުރާތާ މިހާރު 22 ވަރަކަށް އަހަރުވަނީ ވެފައެވެ. ޒަކީގެ އުމުރުން މިހާރު 48 އަހަރުވެފައިވާއިރު އޭނާގެ އުމުރުގެ ބޮޑު ބައެއް ހޭދަވެފައިމިވަނީ ފާނައިގެ މަސްވެރިކަން ކުރުމަށެވެ.

ޒަކީ ފާނައަށް ދަނީ ބިލެއްދޫ ކަޅިރަވަ-3 ދޯނިންނެވެ. މި ދޯންނީގައި 10 މަސްވެރިން މަސައްކަތްކުރެއެވެ. ޒަކީ ބުނީ އޭނާއަށް ފާނައިގެ މަސްވެރިކަމަށް ވަދެވުނީ މި މަސައްކަތަކީ ރަނގަޅު ނަފާއެއްް ލިބޭ މަސައްކަތަކަށް ވާތީ ކަމަށެވެ. އެގޮތުން މުޅި އަހަރަށް ބަލާލާއިރު މަހެއްގެ މައްޗަށް 15000 އާއި 180000 ދެމެދުގެ އާމްދަނީއެއް ލިބޭ ކަމަށެވެ.

ފާނަ ބޭނުމަށްފަހު ފާނަ ވިއްކަނީ ރާއްޖޭގެ ފާނަ ގަންނަ ކުންފުނިތަކަށެވެ. ޒަކީ ފާހަގަކުރިގޮތުގައި ފާނައިގެ އަގު މިހާރުވެސް ހުރީ މީގެ 22 އަހަރު ކުރިންވެސް ހުރި އަގުގައި ކަމަށެވެ.

އެހެން ނަމަވެސް މިއީ ޤަބޫލްކުރެވޭ ކަމެއް ނޫން ކަމަށާއި، މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލޭއިރު މަސްވެރިންނަށް އޭގެ އެއްވެސް ނަފާއެއް ނުކުރާކަމަށް ޒަކީ ބުންޏެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ މިހާ ޒަމާން ވީ އިރު، މަހުގެ އަގަށް ރަނގަޅު ބަދަލެއް ނައުން، މިހާރު ދިރިއުޅުމަށް ކުރަން ޖެހޭ ޙަރަދުތަށްވެސް ބޮޑުވެއްޖެ، އެހެން ނަމަވެސް މި މަސްވެރިކަމުން ލިބޭ އާމްދަނީއަކަށް ނާދެ ބަދަލެއް،" ޒަކީ ބުންޏެވެ.

ފާނައަކީ ފަޅުފަޅާއި ހާހަލުން ބާނާ މަހެކެވެ. ޒަކީ ބުނީ ޤަވާއިދުގެ ތެރެއިން ރަށާއި ބަހައްޓަންޖެހޭ ދުރުމިން ބަހައްޓައިގެން ފާނަ ބާނަން ތިބޭ އިރުވެސް ބައެއް ރަށްރަށުން ރަށާ މާ ކައިރީ ކަމަށް ބުނެ ދުރުކުރާ ކަމަށެވެ. މިކަމާއި ގުޅިގެން މަސްވެރިކަން ކުރަން ދަތިކަމަށް ޒަކީ ބުންޏެވެ.

ޒަކީ ފާނައަށްދާ ދޯނި މިހާރުވެސް ފާނައިގެން މަސްވެރިކަން ކުރުމަށް އޮތީ ގއ.އަތޮޅު ގައެވެ. އަދި މިހާރު ބިލެއްދޫގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައިވުމުން ރަށަށް ނޭރި ކަނޑުމަތީގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ޒަކީ ބުންޏެވެ.

ޒަކީ ބުނީ އުއްމީދަކީ ފާނައިގެ މަސްވެރިކަމަކީ ރާއްޖޭގައި ކުރާ މަސްވެރިކަމެއް ކަމުގައި ސަރުކާރުން ދެކުން ކަމަށެވެ. އަދި ފާނައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް ހަމަ އަގު ލިބިގެން ދިޔުން ކަމަށްވެސް ޒަކީ ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!