ސީ ކިންގު ދޯނީގެ ފަރާތުން ގއ. ދާންދޫ ރައްޔިތުންނަށް ކަނޑުމަސް ހަދިޔާކޮށްފިއެވެ.
ދާންދޫ ކައުންސިލުން މިކަމާއި ގުޅޭގޮތުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދާންދޫގެ ގިނަ އާއިލާ ތަކަށް ދިމާވެފައިވާ ހާލު ދެނެގަނެ އަމިއްލައަށް އިސްނަގައިގެން އެ އާއިލާ ތަކަށް އެރަށު ސީ ކިންގު ދޯނީގެ ފަރާތުން މަސް ހަދިޔާކޮށްފައިވާ ކަމަށެވެ.

އަދި އެ ދިން އެހީއަށް ސީ ކިންގު ދޯނީގެ ވެރިޔާއަށާއި، ދޯނީގެ ކެޔޮޅު އަދި ހުރިހާ ފަޅުވެރިންނަށް ދާންދޫ ކައުންސިލްގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.

ކޯވިޑް-19ގެ ކޭސްތަކެއް ފެނިގެން ދާންދޫ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
އަދި ގިނަ އަދަދެއްގެ ގެތަކެއް ވަނީ ކަރަންޓީނަށްލާފައެވެ. ކަރަންޓީނަށް ލާ ގެތަކުގެ ފަރާތްތަކަށް ބޭރަށް ނިކުމެ އުޅުން މަނާވާނެއެވެ. އަދި އެހެން ފަރާތްތަކަށްވެސް މިގެތަކަށް ވަނުން މަނާވާނެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސްވެރިންދަނީ އެކި ރަށްރަށަށް މިގޮތަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކަރަންޓީންކޮށްފައިވާ ގެތަކަށް މަސް ފޯރުކޮށްދީ ވެދެވެން އޮތް އެހީތެރިކަމެއް މަސްވެރިންދަނީ ފޯރުކޮށްދެމުންނެވެ. ކޮވިޑްގެ މި ދަތި ހާލުގައިވެސް މަސްވެރިން ގެންދަނީ ނަމޫނާ ދައްކަމުންނެވެ.