ހުވަދޫ އަތޮޅުގެ ފަރުތަކުގައި ބޯސާ ހަރުކުރުމުގެ މަޝްރޫއެއް ދިވެހި މަސްވެރިން ޖަމިއްޔާއިން ފަށައިފި

ބޯސާ ހަރުކޮށްފައިވާ "ދޮންމޭރަގައްލާ"ގެ ފޮޓޯ
ބޯސާ ހަރުކޮށްފައިވާ "ދޮންމޭރަގައްލާ"ގެ ފޮޓޯ

ހުވަދޫ އަތޮޅުގެ 5 ފަރެއްގައި ބޯސާ ހަރުކުރުމުގެ މަޝްރޫއެއް ދިވެހި މަސްވެރިން ޖަމިއްޔާއިން ފަށައިފިއެވެ.

މިއީ ޔޫއެންޑީޕީގެ "ސްމޯލް ގްރާންޓް ޕްރޮގްރާމް"ގެ ދަށުން 'ގްލޯބަލް އެންވައިރަމަންޓް ފެސިލިޓީ (ޖެފް)"ގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ބޭނުމަކީ އެންވެރިކަން ކުރުމުގައި ފަރުތަކަށް އެއްލާ ނަގިލި މަދުކުރުމެވެ. މިމަޝްރޫއުގެ ދަށުން ހުވަދުއަތޮޅުގެ 4 ފަރެއްގައި ބޯސާ ހަރުކުރެވޭނެކަމަށް ދިވެހި މަސްވެރިންގެ ޖަމްއިއްޔާއިން ބުނެއެވެ.

ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަހުމަދު ޝާފިއު ބުނީ ބޯސާ ހަރުކުރުމުގެ ސަބަބުން މަސްވެރިންގެ ހައްޓަށް ލުއިވެ މަސްވެރިންގެ ވަގުތު ސަލާމަތް ކުރެވިގެންދާނެކަމަށެވެ. ބޯސާ ހަރުކުރާނެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ ކަމާގުޅުންހުރި އިދާރާތަކާއި އަދި މަސްވެރިންނާވެސް މަޝްވަރާކުރުމަށްފަހު ކަމަށް ޝާފިއު ބުންޏެވެ.

"ބޯސާ ހަރުކުރުމުގެ ކުރިން ކަމާއި ގުޅުން ހުރި އިދާރާތަކުން ނަގަން ޖެހޭ ހުއްދަތައް ވަނީ ނަގާފަ. އަދި ބޯސާ ހަރުކުރެވޭ ފަރުތަކުގެ ދިރާސާއެއް ވަނީ ހެދިފައި. މި ޕޮރޮގްރާމްގެ ދަށުން ޖުމްލަ 6 ފަރެއް ދިރާސާކޮށް މީގެ ތެރެއިން 4 ފަރެއްގައި ބޯސާ ހަރުކޮށް ކޮންމެ އަހަރަކު އެއްފަހަރު ފަރުގެ މުރަކަތަކާއި މަސްތަކަށް އަންނަ ބަދަލު ދިރާސާ ކުރެވިގެންދާނެ." ޝާފިއު ބުންޏެވެ.

ބޯސާ ހަރުކުރުމުގައި ބަލާފައިވާނީ މަސްވެރިންގެ އެންހިފަން އެންމެ ގިނައިން ދޯނި އަޅާ ފަރުތައްކަމަށް ޝާފިއު ބުންޏެވެ.

"މި ޕްރޮގްރާމްގެ ދަށުން މިހާރު މިވަނީ 1 ފަޅުގައި ބޯސާ ހަރުކޮއްފަ. ހުވަދޫ މަސްވެރިންގެ މެދުގައި "ދޮންމޭރަ ގައްލާ" ނަމުން ނަންދީފައިވާ ފަރުގައި 7 ބޯސާ ހަރުކޮށްފައިވޭ. މި ބޯސާތައް ހަރުކޮށްފައިވަނީ 15 މީޓަރާއި 25 މީޓަރާއި ދެމެދުގެ ފުން މިނުގައި. މިއިން ކޮންމެ ބޯސާއެއްގައި ފެނުމަތީގައި 20 ވަރަކަށް ފޫޓުގެ ވައުކޮށްޅެއް އޮންނާނެ. އެހެންކަމުން މޫދަށް ނުފައިބާ ވާނެގޭނެ." ސާފިއު ބުންޏެވެ.

ބޯސާ ހަރުކުރެވުނު ދޮންމޭރަގައްލާ ފޮޓޯގެ ވައަތްފަރާތުގައި ފާހަނގަ ކުރެވިފައި

މަސްވެރިން އެންދަމާއިރު، ފަރަށް ނަގިލި އެއްލުމަކީ އާންމުކަމެކެވެ. އެއީ އެންދެމުމަށް ދޯނި ރަގަޅަށް އަޅަން ޖެހޭތީއެއެވެ. އެހެންނަމަވެސް، މި ޒަމާނުގެ ދޯނިފަހަރުގައި ހުންނަ ބޮޑެތި ނަގިލިތައް އެއްލުމުން ފަރުގެ މުރަކަތަކަށް ގެއްލުންވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ފަރުތަކަށް ލިބޭ ގެންލުން ކުޑަވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިޔައުޅެނީ އެހެން ކަމެއްކުރަން. ކޮންމެހެން ތިޔަ ބޯސާ ހަރުކޮއްގެނެއް ނޫން މިއޮއްހުރިހައިދުވަހަކު މި ހުވަދު އަތޮޅުގެ ފަރުތަކުން އެންހިފައިގެން މާކަނޑަށް ނުކުމެ ﷲ ދެއްވާރިޒްޤު ހޯދަމުން ދަނީކީއެއް. ތިޔަ ޖަމުއިއްޔާ އިން އެންމެ ބޮޑަށް އިހުމާލު ވެފައިވަނީ މި ހުވަނދު އަތޮޅުގެ މަސްވެރިންނަށް. ހަމަ ޑަންލާފަ ކުއްލިއަކަށް ކޯއްޗެއްފެނިގެން ކޮންކަމެއްކުރާނަމޭހިތާ ހުވަދުއަތޮޅާއި އެޅިގަނެގެން ތިއުޅެނީ. ޢަހަރުމެނެއް ބޭނުމެއްނޫން ތިޔަ ފައްތިޔަލެއް. ތިކުރާކަމެއް ކޮންމެވެސް އެހެންތަނެއްގަ ކުރޭ ނަމަ.ނަމަ ހުވަދުއަތޮޅު އުރުބުރީ އެންމެ ރަނގަޅަށް އަހަރުމެން އެންދަމަމުންދާ ފަރުތަކާއި ކުޅެންނަހަދާތި. ވެދާނެ ފަހަރަކު މާމުއި ހަތަޔަކަށް އޮއްގާ އުކުން ފަދަ ކަމަކަށް. ޢަވަހަށް ތި ޖަމުއިއްޔާއެއް މި އަތޮޅުން ފެއްސެން އުޅޭ. ޢެހެން ނޫނިއްޔާމް އަހަރުމެން މަސްވެރިންނަށް މަޖުބޫރުވެދާނެ. ވަކި މަސްވެރިންނަށް ނުވިކަމެއް ކަލޭމެންނަކަށް ވާނެތަ.

ފަހުގެ