keyolhu saeedq ouc

ކެޔޮޅު ސައީދު، ރިސޯޓް ވަޒީފާގައި އުޅުނު އިރުވެސް ފާހަގަކޮށްލެވޭ މުވައްޒަފެއް!

އއ.ރަސްދޫއަށް އުފަން މުޙައްމަދު ސައީދު މަސްވެރިކަން ކުރާތާ މިހާރު މިވަނީ 14 އަހަރުވެފައެވެ. މިވީ މުއްދަތުގައި އޭނާވަނީ މިދާއިރާއިން ކުރިއެރުންތަށް ހޯދާފައެވެ.

މިހާރު އުމުރުންް 40 އަހަރުވެފައިވާއިރު، ސައީދަކީ އޭނާގެ އާއިލާއިން ދުއްވާ ރަންދުވެލި ދޯނީގެ ކެޔޮޅެވެ. ކަންނެލި މަސްވެރިކަން ކުރާ މި ދޯންޏަކީ އެންމެ ޒަމާނީ ފެންވަރުގެ މަސްދޯންޏެކެވެ. އަދި މިދިޔަ އަހަރު އެންމެ ގިނައިން ކަންނެލި ކިރުވައިގެން ރަންދުވެލި ދޯނިންވަނީ އެވޯޑް ހޯދާފައެވެ.

ސައީދު މަސްވެރިކަމަށް ނިކުތުމުގެ ކުރިން 8 އަހަރު ދުވަސްވަންދެން ރިސޯޓް ވަޒީފާގައި އުޅުނެވެ. އޭރުވެސް އޭނާއަކީ ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.

އެގޮތުން މިފަހުން ނޫސްތަކަށްވެސް ވަނީ ސައީދުގެ ވާހަކަ އަރާފައެވެ. އޭނާ މަސައްކަތްކުރަމުން އައި ވެލިދޫ އައިލެންޑް ރިސޯޓަށް އައި ފަތުރުވެރިންތަކެއް އޭނާ ހޯދަން ވެގެން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓަކުންނެވެ.

މީގެ 16 އަހަރުކުރިން އެ ރިސޯޓަށް އައި ފަތުރުވެރިންނާއި ސައީދާއި ދެމެދު އޮތީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އެމީހުން އެރަށަށް 4 ފަހަރަށް ޒިޔާރަތްކުރިއިރު އެ ހުރިހާ ފަހަރެއްގައިވެސް އެމީހުންގެ ދަރިފުޅު ބަލަން ހަވާލުކުރަނީ ސައީދުއާއި އެވެ.

ސައީދު މަސައްކަތްކުރަމުން އައީ އެ ރިސޯޓްގެ ރެސްޓޯރެންޓުގައެވެ. އެގޮތުން ޖަރުމަންވިލާތުގެ އެ ފަތުރުވެރިންނާއި ގުޅުން ބަދަހިވިއެވެ. އެމީހުންގެ ދަރިފުޅު ސަބާސްޓިއަންއާއި ހާއްސަަ ގުޅުމެއްް އުފެދުނެވެ.

"އެ މީހުންނަކީ ޑައިވިން ކުރަން އައިސް އުޅުން ބައެއް، ދެން ފުލްޑޭ ޑައިވިންގަށްދާން ވެގެން، ދަރިފުޅު ބަލާ ދެވޭނެތޯ ފުރަތަމަ އެހީ، ދެން އެމީހުން ދާނެ ހެނދުނު ޑައިވިންގަށް، ދެން އަންނާނީ ހަވީރު، އެ ހުރިހާ ވަގުތެއްގައި ސަަބާސްޓިއަން ބަލަނީ އަޅުގަނޑު، ތިން ފަހަރު މަތިން ރާއްޖެއަށް އައި އެމީހުން،" ސައީދު ބުންޏެވެ.

ސައީދު ރިސޯޓް ވަޒީފާ ދޫކޮށްލުމަށްފަހު މަސްވެރިކަމަށް ދާން ފެށި ފަހުން، އެ ފަތުރުވެރިންނާއި ގުޅުން ކެނޑުނެވެ. އެހެން ނަމަވެސް މިހާރު މިވަނީ އަނެއްކާވެސް އެމީހުންނާއި ގުޅިފައެވެ. އެގޮތުން ސަބާސްޓިއަން އަށް އަށާރަ އަހަރު މިއަހަރު ފުރޭ އިރު، އެދުވަސް ފާހަގަކުރަން ބޭނުންވަނީ ސައީދާއި އެކުއެވެ.

ސައީދު ބުނީ އެ އާއިލާ ރަސްދޫއަށް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ރަސްދޫއަކީވެސް ގިނަ އަދަދެއްގެ ގެސްޓު ހައުސްތަކެއް ތަރައްޤީކޮސްފައިވާ ރަށަކަށްވާތީ އެރަށަށް އެމީހުން ގެނައުމަށް ރާވަމުންދާ ކަމަށް ސައީދު ބުންޏެވެ.

ސައީދު ބުނީ އޭރު ރިސޯޓު ވަޒީފާގައި އުޅުމަށްފަހު މަސްވެރިކަމަށް ބަދަލުވާން ނިންމީ ވަޒީފާގެ ޔަޤީންކަން ރިސޯޓު ވަޒީފާގައި ނޯންނާތީ އާއި، އާއިލާ މީހުންނާއިވެސް ދުރުގައި ހުންނަން ޖެހޭތީ ކަމަށެވެ.

އަދި އެންމެ ފުރަތަމަ އާއިލާ އެންމެންވެގެން ލޯނެއް ނަގައިގެން ކުޑަ ދޯންޏެއް ދުއްވަން ފެށި ނަމަވެސް މިހާރު ދުއްވަނީ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ދޯންޏެކެވެ.

ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުންވެސް ސައީދުވަނީ ވާހަކަދައްކާފައެވެ. އެގޮތުން މިދާއިރާއަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މަހަށް ހަމަ އަގު ނުލިބުން ކަމަށް ސައީދު ބުންޏެވެ.

" އެއްވެސް ޔަޤީންކަމެއް ނޯވޭ މިއަދު ރަނގަޅު އަގެއް ލިބުނަސް މާދަން ލިބެނީ ކޮން އަގެއްގައި ކަމެއް ނޭގޭ، މިއީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް، މަސްވެރިންގެ ޔޫނިއަންއިން ސަރުކާރާއި ގުޅިގެން އެބަ ވަރަށް ގިނަ މަސައްކަތްތައް ކުރޭ މިކަންތަކަށް ހައްލު ހޯދަން،"ސައީދު ބުންޏެވެ.

ސައީދު ބުނީ މިހާރުގެ ފިޝަރީޒް މިނިސްޓަރވެސް ޔޫނިއަންއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ ކަންނެލީގެ މަސްވެރިން އެކުރާ ބުރަ މަސައްކަތާއި އެއްހަމަ އަގެއް ލިބިގެން ދިޔުން ކަމަށް ސަައީދު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!