ސިއްރުން މިޔަރު އުރަހަތަކެއް ރާއްޖެއިން ބޭރުކުރަން އުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ރާއްޖޭން ބޭރަށް ފޮނުވަން އުޅުނު އެ މިޔަރު އުރަހަތައް އަތުލައިގަނެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެތެރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. މި ތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެންނެވެ. އެކްސްޕޯޓްކުރަން އުޅެނިކޮށް އަތުލައިގަތް އުރަހަތަކުގެ ބަރުދަނުގައި 429 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި އުރަހަތައް ބަންދުކޮށްފައި ހުރީ 21 ފޮށިގަނޑުގައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށް، ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ މ. ސެންޓްރޯސެމާ، ޢައްބާސް ޢަބްދުﷲގެ މައްޗަަށާއި، ހދ. ކުޅުދުއްފުށި، ކިރުދޫނިގެ، އަޙްމަދު މުޙައްމަދުގެ މައްޗަށެވެ.
އެ ދެ މީހުންގެ މައްޗަށްވެސް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުމުގެ ދައުވާ އާއި، އޮޅުވާލުމުގެ ޢަމަލެއްކުރުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާއެވެ.
ގަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް މީގެކުރިން ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.