އިންޑިއާގެ އެކުއާ ކަލްޗަރ މަސްވެރިކަން ކުރާ ފަރާތްތަކަށް އެމަސައްކަތާއި ގުޅޭ މައުލޫމާތުތަށް ފޯރުކޮށްދިނުމަށް މޯބައިލް އެޕްލިކޭޝަނެއް އެޤައުމުގެ ސަރުކާރުން ލޯންޗުކޮށްފިއެވެ.
މި އެޕް ލޯންޗުކޮށްދެއްވީ އިންޑިއާގެ އެނިމަލް ހަސްބެންޑަރީ އެންޑް ޑެއިރީންގ މިނިސްޓަރ ގްރިރާޖް ސިންގއެވެ. މި އެޕްލިކޭޝަންގެ މައިގަނޑު މަޤްސަދަކީ ކޯރުގައި މަސް އާލާ ކުރުމުގެ އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި ގުޅޭ މައުލޫމާތު އެޤައުމުގައި އެމަސައްކަތްކުރާ ފަރާތްތަކަށާއި އެމަސައްކަތް ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

' މަޓްސްޔާ ސޭޓޫ' ގެ ނަން ދީފައިވާ މި އެޕް މެދުވެރިކޮށް މަސް އާލާ ކުރާނެ އެކި ގޮތްތަށް މިކަމުގެ މާހިރުން ކިޔާދޭނެއެވެ. އަދި ވީޑިއޯ މެދުވެރިކޮށް މި މަސައްކަތް ކުރާނެ ގޮތްވެސް ދައްކާދޭނެއެވެ.
އަދި އެޕް ބޭނުން ކުރާ ފަރާތްތަކަށް ދަސްވި މިންވަރު ބެލުމަށް މި އެޕްގައި އިންނަ ޓެސްޓެއްގައިވެސް ބައިވެރިވެވެއެވެ. އަދި ޓެސްޓުން ފާސްވުމުން އީ-ސެޓްފިކެޓެއް އެފަރާތަކަށް ލިބެއެވެ. މި އެޕް މެދުވެރިކޮށް ފަންނީ މާޙިރުންނާއި ސުވާލުކުރުމުގެ ފުރުސަތުވެސް އޮވެއެވެ.



