EuVPjQxVEAYJRx_

ސްޕޯޓްސް ފިޝިންނަށް ހާއްސަ ކަނދުފަތި އެޅުމަށް ދަނީ މަޝްވަރާ ކުރެވެމުން: ފިޝަރީޒް މިނިސްޓްރީ

ސްޕޯޓްސް ފިޝިންނަށް ހާއްސަ ކަނދުފަތިތަކެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދަނީ ދޮށީގެ މަސްވެރިކަމަށް ޙާއްސަ ކަނދުފަތި ތަކެކެވެ. ދޮށީގެ މަސްވެރިކަމަށް ހާއްސަ ކޮށްގެން ރާއްޖޭގައި މިވަގުތު 56 ކަނދުފަތި އަޅާފައިވެއެވެ. މިކަނދުފަތިތައް ކައިރިއަށް ރޯލު ދޫކުރުމާއި ވަދުއަޅައިގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން ކަނދުފަތިކައިރިއަށް ބޮޑުކަންނެލީގެ މަސްވެރިކަމަށް ނަނު ދޫކުރުމާއި ސްޕޯޓްސް ފިޝިންގައި ބޭނުންކުރާ މަސްބުރި ވަދާއި ޖިގު ފަދަ ތަކެތި ބޭނުންކުރުމަކީ މަނާކަމެކެވެ.

ރާއްޖޭގައި މިހާރު އަޅާފައިވާ ކަނދުފަތިތަކަކީ ހަމައެކަނި ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ ކަނދުފަތިތަކަށްވުމުން ރާއްޖޭގައި ތަފާތު އެހެން މަސްވެރިކަން ކުރާ ފަރާތްތަކުގެ ޝަކުވާ އާދެއެވެ. އެގޮތުން ކަންނެލީގެ މަސްވެރިންނާއި ސްޕޯޓްސް ފިޝިންގ ކުރާ ފަރާތްތަކުން ދަނީ އެފަރާތްތަކަށްވެސް ޙާއްސަ ކަނދުފަތިތަކެއް ބޭނުންވާ ކަމަށް ބުނަމުންނެވެ.

ދާދިފަހުން ފިޝަރީޒް މިނިސްޓްރީން ވަނީ ކަނދުފަތީގެ ވިއުގަ ފުޅާކުރުމާ ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުމަށާއި މަޝްވަރާކުރުމަށް އާއްމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ރާއްޖޭގައި ސްޕޯސްޓް ފިޝިންގަށް ޙާއްސަ ކަނދުފަތިތަކެއް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސްޕޯޓްސް ފިޝިންގ ނުވަތަ، މުނިފޫހިފިލުވުމަށް މަސްވެރިކަން ކުރާ މީހުންނަށް ހާއްސަ ކަނދުފަތިތަކެއް އަތޮޅުތަކުގެ އެތެރެވަރީގައި އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، މިފަދަ ކަނދުފަތިތަކެއް ޤާއިމްކުރެވުމުން ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ ކަނދުފަތިތަކަށް ގެއްލުން ލިބުން ކުޑަވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.

މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން ދޮށީގެ މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި މަސްވެރިކަމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ކުޑަވެގެންދިޔައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!