ޢީދު ބަންދަށް ފަހު ހުކުރު ދުވަހުން ފެށިގެން ކޫއްޑޫ އަދި ދެކުނުގެ އައިސްޕްލާންޓުތަކުން އައިސް ވިއްކަމުންދާނެ ކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކޮށްފިއެވެ.
ހުކުރު ދުވަހު ކޫއްޑޫއިން އައިސް ވިއްކާނީ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ހަމައަށް ކަމަށްވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހާމަކުރެއެވެ.

ޢީދު ބަންދަށްފަހު ހުކުރު ދުވަހުން ފެށިގެން އައިސް ވިއްކަން ފަށާނެކަން ހާމަކޮށްފައިވާއިރު، ކުރިއަށް އޮތް މިނިވަން ދުވަހުވެސް މިފްކޯގެ ސެންޓަރުތަށް ބަންދުވާނެއެވެ.
ކޫއްޑޫއިން ހުކުރު ދުވަހުން ފެށިގެން އައިސް ވިއްކަމުން ދާނެ ކަން ހާމަކޮށްފައިވާއިރު، އެރަށުންވަނީ ގިނަ އަދަދެއްގެ ކޯވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އިއްޔެއާއި ހަމައަށް އެރަށުން 152 ކޭސްވަނީ ފެނިފައެވެ.
ކޫއްޑޫން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޕޮޒިޓިވްވި 152 މީހުންގެ ތެރޭގައި ހިމެނެނީ 111 ބިދޭސީންނާއި 41 ދިވެހިންނެވެ. މީގެތެރެއިން 117 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު މި ބަލި ތަހަންމަލް ކުރަމުންދަނީ 53 މީހުންނެވެ. އެއީ 14 ބިދޭސީންނާއި 21 ދިވެހިންނެވެ.
ކޫއްޑޫގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ކޫއްޑޫ ޖެޓީއަށް މަސް ކިރުން ވަނީ ހުއްޓާލާފައެވެ.