އދ. އަތޮޅު ސަރަހައްދަކުން މިޔަރު މަސްވެރިކަން ކުރި މައްސަލައެއްގައި އދ. މަހިބަދޫ ކައުންސިލުގެ ޑިރެކްޓަރު ޖޫރިމަނާކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޖޫރިމަނާ ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅު އދ. އަތޮޅުގެ ސަރަހައްދަކުން މިޔަރުގެ މަސްވެރިކަން ކުރަމުންދަނިކޮށް ހުއްޓުވި މައްސަލައަކާ ގުޅިގެންނެވެ.
މިކަމާއި ގުޅޭގޮތުން ސަން އޮންލައިންގައިވާގޮތުން އެ މައްސަލައިގައި މިޔަރުގެ މަސްވެރިކަން ކުރުމުގައި ބޭނުންކުރި ދޯނީގެ ވެރިފަރާތް 5،000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. މިފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ ފަރާތުގެ ނަން މިނިސްޓްރީން ހާމަ ނުކުރާތީ، ވެރި ފަރާތުގެ ނަން ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
2000ގެ އަހަރުތަކުގައި މިޔަރުގެ މަސްވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެންދިއުމާއި ގުޅިގެން 2010 ވަނަ އަހަރު މުޅި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުން މިޔަރުގެ މަސްވެރިކަން ކުރުން ވަނީ މަނާކޮށްފައެވެ.
ނަމަވެސް ގަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަށް ރާއްޖޭގައި އުޅެއެވެ. ފިޝަރީޒް މިނިސްޓްރީންވެސް ވަނީ މިފަދަ ކަޅުބާޒާރެއް ރާއްޖޭގައި މިހާރު ހިނގަމުންދާކަމަށް މިފަހުން ހާމަކޮށްފައެވެ.



