55 ދުވަހަށް ފަހު ކޫއްޑޫ މޮނިޓަރިންއިން ނަގައި އާއްމު ހާލަތަށް ގެނެސްފިއެވެ.
ކޫއްޑޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގަށް ލާފައިވަނީ މިދިޔަ ޖޫންމަހުގެ 12ވަނަ ދުވަހުއެވެ. އަދި މިމަހުގެ 5ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.
ކޫއްޑޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އަންގާ އެޗްޕީއޭއިން ދީފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ ބަލަން ކަނޑައެޅާފައިވާ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި އެރަށް މޮނިޓަރިިންގެ ހާލަތުން ނަގާފައިވަނީ ޝަރުތުތަކާއި އެކުކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.
އެ ޝަރުތުތަކަކީ:
- ފުރަތަމަ މެންޑަމް ސާމްޕަލް ނެގުނު ތާރީޙުން ފެށިގެން 7 ދުވަސް ފަހުން ކޫއްޑޫ އެއަރޕޯޓްގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް އަލުން ނެގުން،
- ފުރަތަމަ ރެންޑަމް ސާމްޕަލް ނެގުނު ތާރީޙުން ފެށިގެން 7 ދުވަސް ފަހުން ކޫއްޑޫ ރިސޯޓް މުވައްޒަފުން (ފުރަތަމަ ފަހަރު ރެންޑަމް ސާމްޕަލް ނެގުނު އިރު ސާމްޕަލް ނެގިފައިނުވާ މުވައްޒަފުން)ގެ 10 އިންސައްތަ ހިމެނޭނެހެން ރެންޑަމް ސާމްޕަލް ނެގުން
ކޫއްޑޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާއިރު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 12އަށް ތިރިވެފައެވެ. ކޫއްޑޫ ފިޝަރީޒްއިން ޖުމްލަ 193 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

ކޫއްޑޫއިން މިހާތަނަށް މިބަލި ޖެހުނު 181 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.



