ތ. ބުރުންޏަކީ ޒަމާނުންސުރެ އެރަށު ފަޅުތެރެއަށް ރާގޮނޑި ވަންނަމުންދާ ރަށެކެވެ. ދޭތެރެ ދޭތެރެއިން ރާގަނޑިވަމުން މެދުކެނޑުނަސް އާންމުކޮށް އެެރަށު ފަޅަށް ރާގޮނޑި ވަދެއެވެ. ބުރުނީ ރައްޔިތުން ސިފަ ކުރާ ގޮތުގައި އެ ރަށަށް ރާގޮނޑި ތިލަވުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ރޯއްޖެއްގެ އިތުރުން ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާވެ، އެކުވެރިކަން ދަމަހައްޓައިދޭ ކަމެކެވެ.
ބުރުނީ ރައްޔިތުން ރާގޮނޑި ހިފާ ވީޑިއޯއާ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު މި ވީޑިއޯތަކަށާއި ފޮޓޯތަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއްވެސް ދަނީ ލިބެމުންނެވެ.
މިފަހަރު އެރަށު ފަޅުތެރެއަށް ރާގޮނޑި މިވަނީ 4 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ. މީގެ ކުރިން ބުރުނީއަކީ އެ ރެށު ފަޅުތެރެއިން ގިނަ އަދަދަކަށް ރާގޮނޑި ފެންނަމުންދާ ރަށެކެވެ.
ހުޅަނގު މޫސުމާ ދިމާކޮށް ބުރުނީ ފަޅަށް ރާގޮނޑި ތިލަވާން ފެށީ މީގެ ހަފްތާއެއްވަރު ކުރިންނެވެ. ބުންޏަކީ މަސްވެރި ރަށެއް ނޫން ނަމަވެސް ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގައި އެ ރަށަށް އަންނަ "ރާގޮނޑި ސީޒަން" ވެގެން ދަނީ ރަށުގެ ކުދި ބޮޑު އެންމެން މަސް ހިފުމުގައި ހަރަކާތްތެރިވާ ބޮޑު އީދަކަށެވެ.

