މިފްކޯއިން ގެނައި ކެރިއަރު ބޯޓުގެ ސަބަބުން، މަސްވެރިންގެ އަތުން މަސް ގަންނަ އަގު މަތިކޮށް މަސްވެރިންނަށް ފައިދާކުރާނެ ގޮތްތަކެއް ވަރަށް އަވަހަށް ހޯއްދަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި މަސްވެރިކަމާ ގުޅޭގޮތުން ސަރުކާރުން ރާވާފައިވާ ކަންކަމާއި، ގުޅޭގޮތުން ވެސް އެމަނިކުފާނު ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ތަފްޞީލުތައް ދެއްވާފައެވެ. މިގޮތުން ތ. ފުނައްޑޫ އާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅާއި މަސް ކިރުމުގައި އަގަށް ގެނައި ބަދަލު މުރާޖަޢާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިފްކޯ ތަރައްޤީކުރުމަށް ބޮޑު އިންވެސްޓްމަންޓެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އިންވެސްޓްމަންޓްގެ ސަބަބުން މަހުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. އެގޮތުން މިފްކޯއިން ގެނެސްފައިވާ އެކުންފުނީގެ އަމިއްލަ ބޯޓުގައި މަސް ފިނިކޮށް ބޭރަށް އެކްސްޕޯޓްކުރަން ފެށުމާއެކު މިފްކޯއަށް ލުއިތަކެއްލިބި، މަސްވެރިންގެ އަތުން މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވެގެންދާނެކަމަށެވެ. އެ ބަދަލު ގެނައުމަށް ހިސާބުތައް ހައްދަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
"މިފްކޯގެ މަސް އަމިއްލަ ބޯޓެއްގައި ފްރީޒްކޮށްގެން ރާއްޖެއިން ބޭރަށް ގެންދެވޭނެގޮތް މިހާރުވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އިހަށްދުވަހު ބޯޓެއް ގަނެގެން މިގެނައީ. އެހެންކަމުން އޭގެ ސަބަބުން ބޭރަށް ގެންދާ މަހުން ދައްކަންޖެހޭ ފްރައިޓަށް ބަދަލުތަކެއް އަންނަނާނެ. އެއީ މިފްކޯއަށް ލިބޭ ލުޔެއް އަދި ފަސޭހައަކަށް ވެގެންދާނެ. މިހުރިހާކަމެއްގެ އަގުން ކެނޑިގެންދާ ބައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މަސްވެރިންނަށް ލިބޭގޮތް ހަދައިދޭނަން. އެހެންވީމަ އެ ހިސާބުތައް ހަދަމުން އަޅުގަނޑުމެން މިގެންދަނީ. އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދޭން މަސައްކަތްކޮށް ކާމިޔާބުކުރާނަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ޖަޒީރާ ރީފާގެ ނަންދީފައިވާ މި ބޯޓަކީ ބޭރަށް މަސް އެކްސްޕޯޓްކުރެވޭ ބޯޓެކެވެ. މި ބޯޓުގައި 2500 ޓަނުގެ މަސް ފިނިކޮށް ރައްކާ ކުރެވޭނެއެވެ. ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރުގެ މި ބޯޓު މާލެ ގެނެސްފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި ބޯޓު ގަތުމަށް ގާތްގަނޑަކަށް 27.8 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.