185076_9a5f63b1-9_

މަސްކިރުމުގައި ދިމާވާ ދަތިތަށް ހައްލުކޮށްދިނުމަށް ތ.ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނަނީ

މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވާނެކަމަށާއި މަސްވެރިކަން ކުރިއެރުވުމަކީ ސަރުކާރުން އިސްކަންދީގެން ކުރަން ބޭނުންވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ ތ. ވަންދޫއަށް ވަޑައިގެން އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރު ވަންދޫ މަސްވެރިންނާއިއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވި ދަތިތައް އިތުރަށް ބޮޑުނުވެ ހިފަހައްޓާލެވުނީ މަސްވެރިން ކުރި މިންނެތް މަސައްކަތުންކަން ފާހަގަކުރައްވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ބޭނުންވާ ކަންކަން އޮޅުންފިލުއްވާފައެވެ.

މިގޮތުން މަސްވެރިން އެންމެ ބޮޑަށް ފާހަގަ ކޮށްފައި ވަނީ މަހަށް ހަމަ އަގު ނުލިބޭ މައްސަލައާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވިސްނާފައިވާގޮތް ހާމަކުރައްވާފައެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުގައި ހުރި ކަނދުފަތިތައް އިތުރުކުރުމުގެ މަސައްކަތާއި، މިފްކޯ ތަރައްޤީކޮށްގެން ފަސޭހައިން އަވަހަށް ހަމަ އަގުގައި މަސްކިރުވޭނެ ގޮތްތަކެއް ފަހިކުރައްވަން ސަރުކާރުން މަސައްކަތްކުރާކަމުގައި ވިދާޅުވިއެވެ. އަދި ތ. ފޮނައްޑޫއިން މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއެކު ފޮނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ވަންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ 7 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ތ. ފުނައްޑޫއަކީ މަސްގަނެ އެކްސްޕޯޓްކުރަން ތަރައްޤީކޮށްފައިވާ ރަށެކެވެ. 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް މެދުކެނޑުމެއްނެތި މިރަށުގެ އޮޕަރޭޝަންތައް ކުރިއަށް ދިޔައެވެ. އޭރު ފުނައްޑޫ ހިންގި ކުންފުނިން ލޯނު ނުދެއްކުމުގެ ސަބަބުން އެ ރަށް ބޭންކަށް ނަގާ އެހެން ކުންފުންޏަކާ ހަވާލުކޮށް އެރަށުގެ އޮޕަރޭޝަން ފެށުނީ އެރަށް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް 7 އަހަރު ފަހުންނެވެ. ނަމަވެސް 2 އަހަރު ފަހުން އަނެއްކާވެސް އެރަށުގެ އޮޕަރޭޝަންތައް ހުއްޓުނުނެވެ. ބޭންކުން ދާދިފަހުން ވެސް ވަނީ އެރަށަށް ޝައުޤުވެރިވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!