ބޭރުޤައުމެއްްގައި ވިއްކަން ބަހައްޓާފައިހުރި މުރަކައިން ހަދާފައިވާ ގަހަނާތަކެއް
ބޭރުޤައުމެއްްގައި ވިއްކަން ބަހައްޓާފައިހުރި މުރަކައިން ހަދާފައިވާ ގަހަނާތަކެއް

ރާއްޖޭގެ ކަނޑުތަކުން ހިފުން މަނާ ބާވަތްތަކުން އުފައްދާފައިވާ ތަކެތި އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް: ފިޝަރީޒް މިނިސްޓްރީ

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ނެގުމާއި، މެރުމާއި، ބޭނުން ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެބާވަތްތަކުން އުފައްދާފައިވާ ތަކެތި ވިޔަފާރީގެ އުސޫލުން ވިއްކަމުން ގެންދިއުމާއި އަދި ވިޔަފާރި ކުރާތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިކަމާއި ގުޅޭގޮތުންކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ޖަދުވަލު 2 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓު އިމްޕޯޓުކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމަނާފައިވާ ބާވަތްތަކާއި އެ ބާވަތްތަކުގެ ބައިތަކުން ހަދައިފައިވާ ތަކެތިން ވިޔަފާރި ކުރުމާއި، ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމަކީ [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު]ގެ 17 ވަނަ މާއްދާގެ ދަށުން، 1 ޖަނަވަރީ 2020 އިން ފެށިގެން މަނާކަމެއް ކަމަށެވެ.

އެހެންނަމަވެސް، މިގޮތުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރާއި މިޔަރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކާއި، މުރަކަ އާއި މުރަކަ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް މަދުންނަމަވެސް ފިހާރަތަކުގައި ވިއްކުމަށްޓަކައި ޑިސްޕްލޭކޮށްފައިހުންނަކަން ފިޝަރީޒް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށާއި، މިކަމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުން މަނާކަމެއްކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވައިދުތަކުގައި ކަނޑައަޅައިފައިވާ ފިޔަވާޅުތަކުގެ މަޤްޞަދަކީ ޖުމްލަގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ލާބަޔާއި މަންފާއަށްޓަކައި ކަނޑައެޅިފައިވާ ފިޔަވަޅުތަކެއް ކަމުގައިވާތީ، އެންމެހައި ފަރާތްތަކުން ވެސް އެ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާޒްކުރެއެވެ.

އަދި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާއި މެދު މިނިސްޓްރީގެ ފަރާތުން މަސްވެރިކަމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!