ބުލޫރިންގްޑް އޮކްޓޮޕަސްއަކީ ރާއްޖެއިން އާއްމުކޮށް ފެންނަކަމަށް ފާހަގަކުރެވިފައި ނުވާ ބާވަތެއް ނަމަވެސް، މިފަހަކަށް އައިސް މިބާވަތުގެ ބޯވަ ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާޒްކޮށްފިއެވެ.
މެރިން ރިސަރޗު އިންސްޓިޓިއުޓްއިންވަނީ މި ބޯވައި ދެނެގަންނާނެ ގޮތާއި، މި ބޯވައިގެން ނުރައްކާތެރިކަމާއި ގުޅޭ ގޮތުން ތަފްސީލީ މައުލޫމާތުތަކެއް އާއްމުުކޮށްފައެވެ.
ބުލޫރިންގްޑް އޮކްޓޮޕަސްއަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާވަތްތަކުގެ ބޯވައާއި ހިލާފަށް ސައިޒުން ކުޑަ ބޯވައެކެވެ. އެސޮރުމެންނަށް ނުރައްކާ އުހުސާސްވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލަތްތަކެއް ހަންގަޑަށް އަރުވައެވެ.
ބްލޫރިންގްޑް އޮންޓޮޕަސް ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެސޮރުމެން އުފައްދާ ވިހަ މާދާ ބޭނުންކޮށްގެންނެވެ. މިއީ ހިއްސުތަކާއި ބެހޭ ނާރުތަކަށް ހަމަލާދޭ ވިހަ (ނިއުރޯޓޮކްސިން) އެކެވެ. ބްލޫރިންގްޑް އޮކްޓޮޕަސް ކާނާ ހޯދަނީ އެސޮރުމެންގެ ޝިކާރަގައި ދަތްއަޅައިގެން ހަށިގަނޑުގެ ތެރެއަށް މިވިހަ ދޫކޮށްލައ ިމަރާލައިގެންނެވެ.
އެކިބާތަތުގެ ނުރައްކަލުން ދިފާއުވުމަށްވެސް ބްލޫރިންގްޑް އޮކްޓޮޕަސް މި ނިއުރޯތޯކްސިން ދުކޮށްއުޅެއެވެ.
ބްރޫރިންގްޑް އޮކްޓޮޕަސް އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންނަށްވެސް ވަރަށް ނުރައްކާތެރި ވިހައެކެވެ. މިބާވަތުގެ ބޯވައިގައި އަތްލައި، ހިފާ އުޅޭނަމަ، އިންސާނުންގެ ގައިގައިވެސް ދަތް އަޅައި ވިހަދޫކުރުމުގެ ފުރުސަތު އޮވެއެވެ. މިގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އަޅި ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެއެވެ.
ނަމަވެސް ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފިނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް މެރިން ރިސަރޗު އިންޓިޓިއުޓްއިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވެއެވެ.
މިބާވަތުގެ ނިއުރޯޓޮކްސިންއިން ވިހަވުމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ބޯއަނބުރާ ހޮޑުލަވާގޮތްވުމާއި، ހިތް ހުއްޓުންފަދަ ކަންކަންވެސް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވެއެވެ.
މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހަައިގެ އަސަރު މުޅިން ފިލައި ދަންދެން، ކުއްލި ފަރުވާގެ ގޮތުގައި، މަސްނޫއީކޮށް ނޭވާލައްވަން ޖެހެއެވެ. އާއްމުގޮތެއްގައި ވިހައިގެ އަސަރު ކުރާތާ 24 ގަޑިއިރުގެތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެއެވެ. މިބޯވައިގެ ވިހަ ހަށިގަނޑުން ނައްތާލުމަށް ފަރުވާދިނުމަށްޓަކައި އެންޓިވެނަމެއް ހޯދިފައެއްް އަދި ނެތެވެ.
ބްރޫރިންގްޑް އޮކްޓޮޕަސްގެ ނުރައްކަލުން ސަލާމަތްވުމަށް އެސޮރުމެން ހިފައި އޭގައި އަތްލާ ނުހެދުމަށާއި، އަދި ބޯވައިގެ ވިހަގެ އަލާމަތްތައް އިހުސާސް ކުރެވިއްޖެނަމަ، ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދުންވެސް މުހިއްމު ކަމަށް އެ އިންޓިޓިއުޓުން ހާމަކުރެއެވެ.
މަސްވެރިކަން ކުރަން އުޅޭ އުޅުމުގައި، އެން ދާގަނޑުގައި ނުވަތަ އެން ވަތުގައި މިފަދަ ބޯވަ ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ އެކަމަަށް ހާއްސަ ސަމާލުކަމެއް ދީ، އެންނަގައި އެޅުމުގައި ބޯވައިގައި ނުޖެހުމަށް ފަރުވާތެރިވުން މުހިއްމުކަމަށް އަދި ބަލައިލަން ރީތި ނަމަވެސް، މި ބޯވަ ނަގައި ޓޭކްސްގައި ގެންގުޅުމަކީވެސް ނުރައްްކާތެރިކަމެއް ކަމަށްވެސް މެރިން ރިސަރޗް ސެންޓަރުން ހާމަކުރެއެވެ.



