މިފްކޯގެ ސީއީއޯ އިސްމާއިލު ފައުޒީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތްކޮށް ޑިޕާރޓްމެންޓްތަކުގެ ސީނިއަރ މުވައްޒަފުންނާއި ބޯޓްފަހަރުގެ ސީނިއަރ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އިސްމާއިލް ވަނީ މިވަގުތު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުންވަނީ މައުލޫމާތު އޮޅުނފިލުވާފައެވެ. އަދި ކުރިއަށް ރޭވިފައި ހުރި ޕްރޮޖެކްޓްސްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މިދަތުރުގައި ސީއީއޯގެ އިތުރުން މިފްކޯގެ އޮޕަރޭޝަންސް އެންޑް ލޮޖިސްޓީކް ޖެނެރަލްމެނޭޖަރ އަހުމަދު ޒާހިރު ، އެޗްއާރު އެންޑް އެޑްމިން ޖެނެރަލް މެނޭޖަރ ހުސައިން ޝުއާޒް ، ޓެކްނިކަލް ސާރވިސް އެންޑް ޕްރޮޑަކްޝަންސް މެނޭޖަރ މުހައްމަދު ޝަމީމްގެ އިތުރުން ސިވިލް އިންޖީނިއަރ މުސްލިމް އަބްދުލް ހަކީމްވެސްވަނީ ބައިވެރިވެފައެވެ. މިދަތުރަކީ ސީއީއޯ އިސްމާއިލު ފައުޒީ މިފްކޯއާއި ހަވާލުވިފަހުން ކޫއްޑޫއަށް ކުރާ 3ވަނަ ދަތުރެވެ.

މިފްކޯގެ ސީއީއޯ ވަނީ މަސްވެރިންނާއި ވެސް ކޫއްޑޫ ޖެޓީމަތިން ބައްދަލުކޮށްފައެވެ. އެގޮތުން އެވަގުތު ކޫއްޑޫ ޖެޓީއަށް މަސްކިރުވުމަށް ކައިރިކުރި ގދ.ފަރެސްމާތޮޑާ ގެލެރީގެ ކެޔޮޅު ބައްދަލުކުރައްވާ މިދުވަސްވަރުގެ މަސްވެރިކަން ހުރިގޮތާއި އަދި ކުރިއަށް މަސްވެރިކަން ލަފާ ކުރާގޮތާއި ގުޅޭގޮތުން ކެޔޮޅުގެ ހިޔާލް ހޯދެއްވިއެވެ.



