މިފްކޯއަށް ގެންނަ ބަދަލުތަކާއި އެކު މަސްވެރިކަމަމުގެ ސިނާޢަތަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތަކާއި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ކަމަށެވެ. އެކަންކަން ޙައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް ވެލިއު އެޑްކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ޚަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފަށާފައި ވުމާއި މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކޮށް މަސްގަތުމާއި ޕޮރޮސަސް ކުރުމުގެ ޤާބިލުކަން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސްގަންނަ ޕްރައިވެޓް ފަރާތްތަކާވެސް މަޝްވަރާކުރައްވާނެކަމަށާއި މަސްވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވޭ މި ހުރިހާ މަސައްކަތްތަކާއެކު މަހުގެ އަގަށް ހެޔޮބަދަލުތަކެއް އަންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިން ވަނީ އެފަރާތްތަކަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެރަށުގެ މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ޤާއިމުކުރުމަށް މަސްވެރިން އެދުނެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިންވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.