ޅ.ފެލިވަރުގައި އައު މަސްފެކްޓްރީއެއް ހަދަން ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ށ.ފޯކައިދޫގެ ދަނޑުވެރިންނާއި މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޟް ވިދާޅުވީ, މަސްވެރިން ބާނާ މަސް ގަތުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސް ޕްރޮސެސްކުރާ އައު ފެކްޓްރީއެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
އެއީ މަސްވެރީން ބާނާ ހުރިހައި މަހެއް ގަނެ ޕްރޮސެސްކުރުމުގެ ޤާބިލްކަން ލިބިގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ދެ އަހަރު ތެރޭގައި އެ ފެކްޓްރީ ޤާއިމްވެގެންދާނެކަމަށެވެ. އެސްއެމްއީ ބޭންކާ ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢަށް ފައިސާ ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟް ވިދާޅުވީ, އަލަށް ޤާއިމްކުރާ މަސް ކާރުޚާނާއާއެކު ދުވާލަކަށް 100 ޓަނގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލްކަން ލިބިގެންދާނެކަމަށެވެ.
ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާ ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.