ގާފަރު އައިސްޕްލާންޓުގެ ޖެނެރޭޓަރ އަދި ފިއުލް ޓޭންކު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. ގާފަރުގައި އައިސްޕްލާންޓު އެޅުމުގެ މަސައްކަތް ކުރަނީ މިފްކޯއިން ނެވެ.
ގާފަރު މަސްވެރިންގެ ނަމުގައި ފޭސްބުކްގައި ހިންގާ ގްރޫޕުންދަނީ އެރަށު އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާ ގޮތުުގެ ތަފްސީލްތަށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން އައިސްޕްލާންޓުގެ މަސައްކަތާއި ގުޅޭގޮތުން އެންމެ ފަހުންކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ އައިސްޕްލާންޓު، ޖެނެރޭޓަރ އަދި ފިއުލް ޓޭންކް މިހާރު ވަނީ ރަށަށް ގެނެސްފައި ކަމަށެވެ. އަދި އެތަކެތި ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ކ.ގާފަރު އައިސްޕްލާންޓްގެ މަސައްކަތް ނިންމަން މިފްކޯއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 31ވަނަ ދުވަހުއެވެ. އައިސްޕްލާންޓްގެ މަސައްކަތް މިފްކޯއާއި ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފާއިތުވީ ދުވަސްތަކުގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ނުފެށި ގިނަ ދުވަސްވެގެން ދިޔުމުން މަސްވެރިން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް މިހާރު ބާރު ދުވެއްޔެއްގައި އައިސްޕްލާންޓުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެ.
13 ނޮވެމްބަރު 2019 ގައި ގާފަރު އައިސްޕްލާންޓް ޤާއިމް ކުރުމުގެ މަސައްކަތް ފުރަތަމަ ހަވާލު ކުރެވިފައިވަނީ VAMCO ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނުނިމުމާއި ގުޅިގެން އެކުންފުންޏާ މަޝަވަރާ ކުރުމަށްފަހު ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައިސްޕްލާންޓް ޤާއިމްކުރުމުގެ އެއްބަސްވުން ބާތިލްކޮށްފައެވެ.
މި އައިސްޕްލާންޓްގެ މަސައްކަތް އޭރު ގޮސްފައިވާ ހިސާބަށް ބަލާއިރު ހަމައެކަނި ނިމިފައިވަނީ ފައުންޑޭޝަނާއި ވަށާފާރުގެ މަސައްކަތެވެ.25 ޓަނުގެ މިއައިސްޕްލާންޓް ޤާއިމްކުރަނީ 50 ޓަނުގެ ސްޓޯރޭޖަކާ އެކީގައެވެ.