އަންނަ އަހަރު އިތުރު 30 ކަނދުފަތި އަޅަނީ!

kandhufathi

ރާއްޖޭގެ ކަނދުފަތީގެ ވިއުގައަށް އަންނަ އަހަރު އިތުރު 30 ކަނދުފަތި އިތުރުކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިން އެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، އަލަށް އިތުރުކުރާ ކަނދުފަތި ތަކުގެ އިތުރުން ސްޕޯޓްސް ފިޝިންގއަށް ޚާއްޞަކޮށްގެން އެތެރެވަރީގައި ވެސް ކަނދުފަތި ތަކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކަނދުފަތި އަޅާނެ ސަރަހަައްދުތައް މިހާރު ބަލަމުންދާކަމަށާއި އަންނަ އަހަރުގެ ބަޖެޓްގައި މި ކަނދުފަތިތައް އެޅުމަށް ފައިސާ ހިމަނަން މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީއިން މިހާރު އަމަލުކުރަމުންދާ އުސޫލަކީ އެއްވެސް ސަރަހައްދެއްގެ ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ، އެކަމުގެ މައުލޫމާތު ކައުންސިލްތައް މެދުވެރިކޮށް ރަސްމީކޮށް އެންގުމުން ކަނދުފަތި ހަރުކުރުމަށް މަސައްކަތް ފެށުމެވެ. އެހެންކަމުން ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ މައުލޫމާތު ކައުންސިލްތަކާއި ހިއްސާކުރުމަށް ހުރިހާ މަސްވެރިން ސަމާލުވާން ޖެހެއެވެ. ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ލަސްނުކޮށް އެކަން ފިޝަރީޒް މިނިސްޓްރީއަން އެންގުމަށް އެ މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ. ކަނދުފައްޗެއް އެޅުމަށް ދެލައްކައަށްވުރެ ރުފިޔާ ހަރަދުވާއިރު، ކަނދުފަތީގެ ވިއުގައަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ޤަވައިދާއި ޚިލާފަށް ކަނދުފަތިތައް ހުންނަ ސަރަޙައްދުތަކުގައި މަސްވެރިކަންކުރުމަކީ މަނާކަމެކެވެ. އެގޮތުންއެއްވެސް ކަނދުފައްޗަކާއި 3 މޭލު ކައިރީގައި ދިރޭ އެންޖަހައި، އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ލޭނު އެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމަކީ ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ކަނދުފަތީގެ ބޮލަށް ވާ އައްސައި، އޭގައި ދޯނިފަހަރު އަޅައިގެން ތިބުންފަދަ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާ އެއްވެސް ޢަމަލެއް ކުރުމަކީވެސް މަނާކަމެއްކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ