އަލަށް ތައާރަފްކުރާ 5 ވަނަ ޖީލުގެ މަސްދޯނިފަހަރުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގެ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
5 ވަނަ ޖީލުގެ މަސްދޯނިފަހަރު ފަރުމާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފްކުރާ މަސްދޯނިފަހަރުގެ ސަބަބުން މަސްވެރިންނަށާއި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަސްބޭނުމުގެ ހަރަދު ބޮޑުވުމާއި މަސް ބޭނުމުގެ ތެރޭގައި މަހުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން މަހަށް އެންމެ ރަނގަޅު އަގު ނުލިބޭކަމަށެވެ. އަދި މިހާރު ފަރުމާކުރެވިގެންމިދާ 5 ވަނަ ޖީލުގެ މަސްދޯނިފަހަރުގެ ސަބަބުން މިހާރު މަސްބޭނުމުގައި ދިމާވާ ވަރަށް ގިނަ މައްސަލަތަކަކަށް ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ދޯނިފަހަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ނަފާ އިތުރުވެ ރަނގަޅު ކޮލެޓީގެ މަސް އެކްސްޕޯޓްކުރުމުގެ ސަބަބުން ޤައުމަށްވެސް މީގެ ސަބަބުން ފައިދާތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެކިއެކި ފަރާތްތަކުގެ މަޝްވަރާގެ މަތިން އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ މިހާރު މި މަސްބާނާގޮތް ބަދަލުކުރަންޖެހޭކަމަށް. މަސްބާނާ ގޮތޭ މިދެންނެވީ މަސްދޯނިފަހަރުގައި ހުންނަންޖެހޭ ވަސީލަތްތައް ބަދަލުވާންޖެހޭކަމަށް. އެގޮތުން އެންމެ މުހިންމު އެއްކަމަކަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ އައިސްގެ މައްސަލަ. އަޅުގަނޑުމެންނަށް ފެނުނީ އަލަށް ދޯންޏެއް ޑިޒައިން ކުރާއިރުގައި ރަނގަޅަށް ސްޓޯ ކުރެވި ރަނގަޅަށް ޕްރިޒަރ ކުރެވޭނެ ގޮތެއް ހޯދުން." މިނިސްޓަރ ވިދާޅުވިއެވެ.
5 ވަނަ ޖީލުގެ މަސްދޯނިފަހަރު ފަރުމާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕްރިސިޝަން މެރިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ ދަށުން އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.