13697BB5-B31A-4294-A7D8-F16802C941E9

މޫސުމަށް ސަމާލްވޭ! ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފި!

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އޮރެންޖު އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލަރޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 10:00އިން ފެށިގެން މެންދުރު ފަހު 12:30އާއި ހަމައަށެވެ. އެގޮތުން އެ ސަރަޙައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވެ، އުދައަރާނެކަމަށްވެސް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 36 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ. ރާއްޖޭގެ ސަރަޙައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑާއި ބްރިޖް އަދި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

އޮރެންޖު އެލާޓަކީ “ސިވިއާ” ނުވަތަ ތިންވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!