މިއީ ރާއްޖޭގެ ފަރުފަޅުތަކުގައި ވަރަށް ގިނައިން އުޅޭ ރީތި މަހެކެވެ. ގިނައިން އުޅެނީ 20 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. ދުންފަތް މަހަކީ ފަތިހަށިގަޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ތުން ހުންނަނީ ކޮޅަށް އޫ ކޮށެވެ. އަނގަ ވަރަށް ކުޑައެވެ. މިއީ ދިވެހިން ޢާއްމުކޮށް ކައިއުޅޭ މަހެއް ނޫނެވެ.
މިމަސް 40 ސެންޓިމީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިމަހުގެ ޢާއްމު ކާނާއަކީ މޫދު ފެއްސެވެ. މިއީ ދިރޭމަސް ގެންގުޅޭ ފަރާތްތަކުން ގެންގުޅޭހިތްވާ ގިނަދުވަހު މަސް ޓޭންކުތަކުގައި ގެންގުޅެވޭ މަހެކެވެ. އަދި ރާއްޖެއިން ބޭރުކުރާ ދިރޭމަހުގެ ތެރޭގައި ގިނަޢަދަދަކަށް މިމަސް ހިމެނެއެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައި ހުންނަނީ ވަރަށް އުސްކޮށެވެ. ކޮތަރީގައި 4 ހަރުކަށްޓާއެކު 27 އާއި 31 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށް ފަރާތު ކޮޓަރީގައި ހަރުކަށްޓާއެކު 22 އާއި 24 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ގަދަ މުށިކުލައެވެ. މަހުގެ ހުރަހަށް އޮރެންޖު ކުލައެއްގެ ރޮނގުތަކެއް ހުރެއެވެ. މިރޮނގުތައް ބަނޑުދަށްފަރާތުގައި ހުންނަނީ ކެނޑިކެނޑިފައެވެ. މަހުގެ
ބޮލުގައި ދޮންފެހިކުލައަކަށްދާ ކުލައެއްގެ ތިކިތަކެއް ފަނޑުކޮށް ހުރެއެވެ. މަހުގެ ކޮތަރިބައިގައި ރީނދޫކުލައިގެ ރޮނގުތަކެއް ހުރެއެވެ. މިބާވަތުގެ މަސް ރައިރު ހުންނަނީ ރީނދޫކުލައެއްގައެވެ. އަދި ހުދު ކުލައިގެ ގޮޅިތަކެއް ބުރަކަށިމަތީ ދެއަރިމަތީގައި ހުރެއެވެ.