ރާއްޖޭގެ ކަނޑުތަކުން ޤަވާއިދާއި ހިލާފަށް މަސްވެރިކަންކޮށްގެން މިއަހަރުގެ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށްވެސް ބޭރުގެ 10 މަސް ބޯޓަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަތުލައިގަނެފައިވާ މަސް ބޯޓުތަށް ގެނެސް ފިޝަރީޒް މިނިސްޓްރީން އިންސްޕެކްޓްކުރާ ކަމަށެވެ. އަދި މީގެތެރެއިން 4 މަސް ބޯޓެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
" 4 އުޅަަދެއް އަޅުގަނޑުމެން ޖޫރިމަނާކޮށްފިން، ކޮންމެ އުޅަނދަކުން 4 ލައްކަ ރުފިޔާ ދައްކައިވެސްފި، ޖޫރިމަނާ ދެއްކުމަށް ފަހު މިހާރު ފުރައިފި، ކުރިއަށްވުރެ މާ ރަނގަޅަށް ކަނޑުތަށް ބަލަހައްޓާނަން،" މިނިސްޓަރ ހުސެއިން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސްވެރިކަމާއި ބެެހޭ އާ ޤާނޫނުގެ ދަށުން ކަނޑުތަށް ބެލެހެއްޓުމުގެ ޤާނޫނީ ބާރުވެރިކަން ކުރިއަށްވުރެ ބޮޑަށް ފިޝަރީޒް މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި މި ޤާނޫނުން ލިބިދޭ ބާރުގެ ބޭނުން އެ މިނިސްޓްރީއިން ފުރިހަމައަށް ހިފާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


