މަސްވެރިކަމާއި ގުޅޭ

ގޮނު

ގޮނު ނުވަތަ ގޮންމަހަކީ ރާއްޖޭގެ ފަޅުފަޅާއި ރަށްރަށުގެ ބޭރުމަތީގައި އުޅޭ މަހެކެވެ. މިމަސް އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ. ގޮނަކީ މާބާރު ބާރަށް ދުވެއުޅެވޭ މަހެއްނޫނެވެ. ގޮނުގެ މިބާވަތަކީ އޭގެ ޅަޢުމުރުގައި ރީނދޫ ކުލައެއްގައި ކަޅު ތިކިތަކެއްޖަހާފައި ހުންނަމަހެކެވެ. މިބާވަތުގެ ޅަމަސް ފަރުފަރުގެ ގާތަކުގެ ނިވާކަމުގެ ތެރޭ އުޅުމަށްފަހު ބޮޑެތިވުމުން ރަށްރަށާއި ފަރުފަރުގެ ބޭރަށް ނުކުމެއުޅެއެވެ.

ގޮނު ނުވަތަ ގޮންމަހަކީ ހަތަރު އަރިގޮތަށް ހަރު ފޮށިގަޑެއްހެން ހުންނަމީހަކަށް ވުމާއެކު، މިމަހުގެ ބަނޑުތެރޭގައި ހުންނަ ބައިބައި ނަގައި ސާފުކޮށް ހިއްކުމަށްފަހު ގޭތެރެ ޒީނަތްތެރިކުރުމަށް ފާރުގައި ހަރުކޮށް އުޅެއެވެ. މިއީ ރާއްޖެއިން ދިރޭމަސް ބޭރުކުރާ ފަރާތްތަކުން ހިފައިގެން ބޭރުކޮށްއުޅޭ މަހެކެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 9 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރި ބައިގައި ވެސް 9 މަޑުކަށްހުރެއެވެ. ކަންފަތްގަނޑުގައި 11 މަޑުކަށިހުރެއެވެ. މަސް ބޮޑުވާވަރަކަށް މަހުގެ ބައްޓަން ދިގުވެއެވެ. ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. މިބާވަތުގެ މަހުގެ ހަންގަޑުގައި ނުރައްކާތެރި ވިހައެއް އެކުލެވެއެވެ.

އިނގިރޭސި ނަން: Yellow boxfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!