މަސްވެރިކަމާއި ގުޅޭ

މާރޮނޑު/ ފޮޓޯ: ޑައިވް ކްލަބް މޯލްޑިވްސް

މާރޮނޑު

މާރޮނޑަކީ ރާއްޖޭގެ ފަރުފަޅުތަކާއި ވިލުތަކުން ގިނައިން ފެންނަ މަހެކެވެ. މިއީ ދިވެހިން ކެއުމަށްވެސް ބޭނުންކޮށްއުޅޭ މީރު މާހެކެވެ. ދުވާލު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި މާރޮނޑު ބޭނެއެވެ. މިއީ ދަތްތައް ވަރުގަދަ ހަށިގަޑު ބޮޑު މަހެކެވެ. މިއީ މަސްމަހާމެހީގެ ތެރެއިން ގަދަފަދަކަމަށް މަޝްހޫރުމަހެކެވެ. މާރޮނޑަކީ އެސޮރުގެ ބިސްހާލި ރައްކާތެރި ކަމާއެކު ބަލަހައްޓާ "ގާޑުކުރަމުން” ބިސް ވިއްސާ މަހެކެވެ. މިގޮތުން ހާލި ބަލަހައްޓާއިރު އެހެނިހެންމަސް ފަހާ އަދި ބައެއްފަހަރު މޫދަށް އެރިއުޅޭ ފީނުންތެރިންނަށް ޙަމަލާދީއުޅެއެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 24 އާއި 26 އާ ދެމެދުގެ ޢަދަދަކަށް، މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 23 ނުވަތަ 24 މަޑުކަށިހުރެއެވެ. މަހުގެ ލޮލުގެ ކުރީގައި ކުޑަކޮށް އަޑިވެލާފައި ހުންނަ ތަންކޮޅެއް ހުރެއެވެ. މަހުގެ ނިގޫކޮޅުގައި 4 ނުވަތަ 6 ކަށި ހުޅުނބު ރޮނގުތަކެއް ހުރެއެވެ. މަހުގެ ކުލައަކީ ފެހި، ރީނދޫ އަދި މުށިކުލައެކެވެ. ތުނބުގެ މަތިން ފެށިގެން ލޯހުރަސްކޮށް ގަދަ ރޮނގެއް ފާޅުކޮށް ފެންނަން ހުރެއެވެ. މަހުގެ މޫނުމައްޗާއި ކޮތަރިތައް ހުންނަނީ ރީނދޫކުލައިގައެވެ. މަހުގެ ކާނާގެގޮތުގައި ކަކުނި ފާޑުގެ ސޫތްޕާއި، ހިޔަމައާއި ގަލުގައި
އެކުލެވޭ ދިރުންތަކާއި، ބޮލީގެ ބާވަތްތައް ހިމެނެއެވެ. މިމަސް އެންމެ ބޮޑުވަނީ 75 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން: Titan triggerfish

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!