މަސްވެރިކަމާއި ގުޅޭ

ކަށްޓަފުޅި

މިއީ ރާއްޖޭގެ ރަށްރަށުގެ ފަޅުފަޅުގެ ތިލަ ހިސާބު ތަކުން ފެންނަ ބާރަށް ދަތުރުކުރާ ހަލުވި މަހެކެވެ. ކުދި ކުއްޓަފުޅި ރަށްރަށުގެ ގޮނޑުދޮށްތަކުގައްޔާއި އަދި ކުޅިކުޅިއަށް ވަދެ ގިނަޢަދަދަކަށް އުޅެއެވެ. މިއީ ފެނަށްވެސް ދިރޭ މަހެކެވެ. ވުމާއެކު ވަޅުވަޅާއި މަސްޓޭންކުތަކުގައި ކަށްޓަފުޅި ގެންގުޅެއެވެ. މިއީ ކެއުމަށް ރަގަޅު ބާވަތެއް ކަމުގައި ވިއަސް ރާއްޖޭގެ ތިލަހިސާބުތަކުގައި ގިނައިން އުޅެނީ ކުދިމަސް ކަމަށް ވުމާއެކު އާއްމުކޮށް ކެއުމަށް ބޭނުންކޮށެއް ނޫޅެއެވެ.

މިމަސް އެންމެ ބޮޑުވަނީ 20 ސެންޓިމީޓަރަށެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ އަދަދަކަށް މަޑުކަރިހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 9 އާއި 11 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. މަހުގެ ކަރުތާފަތްގަނޑުމަތީގައި ހުޅުނބު ހުރެއެވެ. އަދި ކަރުތާފަތްގަޑުގެ އަރިމަތީގައި ދެކަށި ހުރެއެވެ. މަހުގެ މަތީބައިގެ ކުލައަކީ އަޅިކުލައެކެވެ. އަދި ދެއަރިމައްޗާއި ބަނޑުދޮށުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ނިގުލުގައި ކަފިވެފައިވާ ބައިގެ ހުރަހަށް ވަރަށް ފާޅުކޮށް ކަޅުކުލައިގެ ދެރޮނގު ހުރެއެވެ. އަދި މަހުގެ ނިގުލުގެ މެދުން ދިގަށް އެއަށްވުރެ ހިމަކޮށް ރޮނގެއްވެސް ހުރެއެވެ. މަހުގެ ޢާއްމު ކާނާއަކީ ކުދި ފަނިފަކުސާއާއި، ކަކުނިފާޑުގެ ސޫތްޕާއި ކުދިމަހެވެ.

އިނގިރޭސި ނަން: Barred flagtail

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!