މަސްވެރިކަމާއި ގުޅޭ

ކަސްފާނަ

ކަސްފާނައަކީ ދިވެހިންގެ ގިނަމީހުން ދަންނަ ފާނައެކެވެ. މިމަހަށް ކަސްފާނަ ކިޔަނީ މަހުގައި ހުންނަ ކުރެހުމެއް ސިފަކުރެވޭ ގޮތަކުންކަމަށް ބެލެވިދާނެއެވެ. މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައްޔާއި ހާހަލާއި ތިލަތަކުގައި 60 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައި ވަރަށް ގިނައިން އުޅޭ މަހެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ އިރުއޮއްސޭވަގުތު ނަނުފައްތައިގެންނެވެ. މިއީ ބަރު އަދި ކަންނެތް ހަށިގަނޑެއް ލިބިފައިވާ މަހެކެވެ. މަހުގެ ލޮލާދިމާއިން ބޮލުގެ މަތި އަޑިވެފައި ހުރެއެވެ. މަހުގެ ބޮލުގެމަތިން ދެލޮލުގެ ދެމެދުގައި ހުންނަނީ އެއްވަރަކަށް ފަތާކޮށެވެ. މަހުގެ ކަރުތާފަތުގެ ކުރީބައި ހުންނަނީ އެއްވަރަކަށް ރާޅުކޮށެވެ. މިމަސް އެންމެ ބޮޑުވަނީ 95 ސެންޓިމީޓަރަށެވެ.

ކަސް ފާނައިގެ ބުރަކަށިމަތީ ކޮތަރީގައި 11 ހަރުކަށްޓާއެކު 14 ނުވަތަ 15 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. ނިގޫފަތްހުންނަނީ ވަށްކޮށެވެ. މަހުގެ ކުލައަކީ ފަނޑުމުށިކުލައެވެ. މުޅިހަށިގަޑުގައި ކުދި ކުދި ތިކިތަކެއްޖަހާފައި ހުރެއެވެ. މިތިކިތަކުގެ އިތުރަށް މަހުގެ ބޮލުގައްޔާއި ހަށިގަޑުގެ ކުރެހިފައިހުރެއެވެ. ނިގޫފަތުގެ ބުޑުދަށުގެ މަތީ ކައިރީގައި ކަޅުކުލައިގެ ލަފެއް ފާޅުކޮށް ފެންނަންހުރެއެވެ. މަހުގެ ކާނާއަކީ ކުދިމަހާއި، ކަކުނިފާޑުގެ ސޫތްޕާއި ބޯވަދިލަމަހެވެ.

 

އިނގިރޭސި ނަން: Brown-marbled grouper

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!