މަސްވެރިކަމާއި ގުޅޭ

މުރަކަ މަސް

މުރަކަމަސް

މުރަކަމަހަކީ ރައްޖޭގެ ތިލަފަޅުފަޅުގައި ވަރަށް ގިނަޢަދަދަކަށް އުޅޭ ރީތި މަހެކެވެ. މިމަހަށް ސިފައިންގެ މަހޭވެސް ކިޔާއުޅެއެވެ. މަސްގެންގުޅޭ ފެންގަޑެއްގައި ނުވަތަ ޓޭންކެއްގައި ގެންގުޅެން ވަރަށް ރަގަޅުމަހެކެވެ. މިއީ ދިރޭ ކުދިމަހުގެ ގޮތުގައި ރާއްޖެއިން ބޭރުކުރެވޭ ބާވަތެކެވެ. މުރަކަމަސް ޢާއްމުގޮތެއްގައި އުޅެނީ ބައިބަޔަށް މުރަކަތަކުގެ ތެރޭގައި އޭގެ ނިވަލުގައެވެ. މަހުގެ ކުލައަކީ ހުދުކުލައެވެ. މަހުގެ ދެއަރިމަތީގައި މަހުގެ ހުރަހަށް ފުޅާ
ކަޅުކުލައިގެ ތިން ރޮނގު ހުރެއެވެ. މަހުގެ ނިގޫ ހުންނަނީ އަޅި ކުލައެއް ގައެވެ. މަހުގެ ކަންފަތްގަޑުގެ ކުލައަކީ ހުދުކުލައެވެ. އަދި ކަންފަތްގަޑުގެ ބުޑުހުންނަނީ ކަޅުކުލައިގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 12 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 2 ހަރުކަށްޓާއެކު 11 އާއި 13 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. މިމަސް އެންމެ ބޮޑުވަނީ 7.5 ސެންޓިމީޓަރަށެވެ. މިބާވަތުގެ މަސް ބައިބަޔަށް އޮއިމައްޗަށް ނުކުމެ އޮޔާދާ ފަނިފަކުސާތައް ކައިހަދައެވެ. މިއީ ކުޑަކުދިން ތިލަފަޅުގެ މުރަކަތަކުގެ ތެރެއިން މަޖަލަށް ހިފާއުޅޭ ކުޑަމަހެކެވެ.

 

އިނގިރޭސި ނަން: : Three-bar dascyllus

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!