މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 11 ރުފިޔާ 50 ލާރިއަށް ކަމަށާއި އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 13 ރުފިޔާ 55 ލާރިއަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިންވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.
އެގޮތުން އެފްއެސްއެމްގެ ޝެޑްތަކުން ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ވަނީ ލީޓަރެއް 11 ރުފިޔާ 16 ލާރި އަށް އަދި ޑީސަލް ލީޓަރެއް 11 ރުފިޔާ 84 ލާރިއަށް ބޮޑުކޮށްފައެވެ.
ފާއިތުވި ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި 7 އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ. މިއާ އެކު ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.
