މަހަށް ހަމައަގު ހޯދުމަށް އޮޑިވެރިން ޚިއްސާވާ ކުންފުންޏަކުން މަސް ބޭރުކުރަން ފަށަން މަސައްކަތް ކުރަމުންދާކަމަށް އޮޑިވެރިން ބުނެފިއެވެ.
މި މަސައްކަތުގައި އިސްކޮށް އުޅޭ އޮޑިވެރިޔަކު ބުނީ މަސްވެރިންނަށާއި އޮޑިވެރިންނަށް އެންމެ ފައިދާވާނީ މަސްވެރިން ބާނާ މަސް އޮޑިވެރިން އަމިއްލައަށް ބޭރުކޮށްގެން ކަމަށެވެ. މިކަމާގުޅޭ މަޢުލޫމާތު ސޯޝަލް މީޑިއާގައިވެސް މިއަދު ވަނީ ދައުރުވާން ފަށާފައެވެ.
"90 ފޫޓުގެ މަސްދޯންޏެއް ފުރިހަމައަށް ނިންމާލާއިރު 8 ނުވަތަ 10 މިލިއަން ރުފިޔާއާއި ދޭތެރޭގެ އަދަދެއް އިންވެސްޓް ކުރަންޖެހެއެވެ. މި އިންވެސްޓްމަންޓް ރިކަވަރ ކުރުމަށްޓަކައި މިހާރު މަސްގަންނަ ކުންފުނިތަކުން ބާނާ މަހަށް ހަމައަގު ނުލިބޭތީވެ ވަރަށް ގިނަދުވަސްނަގައެވެ. ދޯނީގެ އަގު ހަމަވާއިރު ދޯނި އޮންނަނީ ބާވެފައެވެ. އަދި މިކަން ކުރުމަށް އޮޑިވެރިން އުފުލާ ތަކުލީފު ވަރަށް ބޮޑެވެ. މިކަމަށް ހައްލެއް ހޯދޭނެ އެންމެ ރަގަޅު ގޮތެއް ބެލުމަށް އަޅުގަނޑު މިދަނީ އޮޑި ވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުނެވެ. މިހާރު ގާތްގަނޑަކަށް ދެކުނުގެ 15 ދޯންޏަކާއި އަދި އުތުރުގެ 25 ދޯންޏެއްގެ ވެރިންނާއި ވާހަކަދައްކައިފީމެވެ. އެންމެންނަށްވެސް އިއްތިފާގު ވެވުނީ އަޅުގަނޑުގެ އިސްނެގުމާއި އެކު އޮޑިވެރިން ހިއްސާވާ ކުންފުންޏެއް ހަދާ އެކުންފުނިން ރަނގަޅު އަގެއްގައި ބާނާ މަސް ގަތުމަށެވެ." ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެެއްގައިވެއެވެ.
އަދި ހުރިހާ އޮޑިވެރިން އެކައްޗެއް ކިޔައިގެން މިކަން ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މި ޕޯސްޓްގައި ބުނެފައިވއެވެ.
"އަދި އެކުންފުނިން މަސްބޭރުކުމާއި ޕްރޮސެސްކުރުމާއި ވެލިޔު އެޑު ކުރުމާއި އަދިވެސް މަސްވެރިކަމާއި ގުޅުންހުރި ހިދުމަތް ފެށުމަށެވެ. ވީމާ، މިކަމާއި ގުޅޭ ހުރިހާ ދިރާސާތަކެއް ކަމުގެ މާހިރުންގެ އެހީގައި އަޅުގަނޑު ހަދާނަމެވެ. މިކަމަކީ އޮޑިވެރިންގެ ފައިނޭންސްގެ އެހީގައާއި ބޭންކް ފައިނޭންގެ އެހީގައި މުޅި ސެޓަޕް 2 އަހަރެއްގެ ތެރޭގައި ކުރަން އުދަގޫ ކަމަކަށް ނުވާނެއެވެ. ހުރިހާ އޮޑިވެރިން މިކަމުގައި ބައިވެރިވެ މިހާރު ހުރި ފެކްޓްރީތައް ތާރީޚް ފޮތުގައިލިޔެ ނިމުމަކަށް ގެންނަމާ ހިގާށެވެ." މިހާރު ދައުރުވަމުންދާ ޕޯސްޓްގައި ވެއެވެ.
ސޯޝަލް މީޑިއާގައި މިވާހަކަ ދައުރުވާން ފެށުމުން މަސްވެރިންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި މިއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި މަސްވެރިން ސިފަކުރެއެވެ.
One Response
މަރުހަބާ.މި އިންޑަސްރީ އަށް ބޯ ކޮށްޕާލީމަ އިގޭނީ މީކީ އަދި ތި ހީކުރާހާ ފަސޭހަ ކަމެއް ނޫންކަން.