މަސްވެރިކަމާއި ގުޅޭ

ކަނޑު ގުރުވަ

މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު އަދި ރީތި މަހެކެވެ. މިއީ ދަގަނޑު ޖަހައިގެން ހިފަން ވަރަށް ފަސޭހަމަހެކެވެ. މިއީ ޢާއްމުކޮށް ފަރުތަކުގެ މަތީގައްޔާއި އުރަފަށުގެ ގާތުގައި ހުންނަ ގާގަލާއި ހަތްތަކުގެ މާޙައުލުގައި ބައިހަދައިގެން އުޅޭ މަހެކެވެ. މިމަސް ބޮޑެތި އައިން ހަދައިގެން ފަރުމައްޗަށް ނުކުމެ އުޅެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން ދެކެން ބޭނުންވާ ރީތިމަހެކެވެ.

މިބާވަތުގެ ޅަމަހުގެ ސިފައާއި ކުލަވަރު ބޮޑެތި ކަނޑުގުރުވައާއި ތަފާތެވެ. ކަނޑުގުރުވައަކީ ބޯހަންގަޑެއް ލިބިފައިވާ ކުދިކުދި ހުޅުނބުތަކެއް ހުންނަ މަހެކެވެ. ދިވެހިން ދަތުރުގޮސް އުޅޭއިރު ފިހެގެން ކެއުމަށް ޝައުގު ހުންނަ މީރު މަހެއްވެސްމެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަބައިގައި 13 ހަރުކަށްޓާއެކު 17 އާއި 20 އާއި ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއެކު 7 ނުވަތަ 8 މަޑުކަށިހުރެއެވެ. މަހުގެ ތުންފަތް ވަރަށް ބޯވާނެއެވެ.

ބޮޑެތިމަހުގެ ދިގަށް ކަޅު ނުވަތަ ގަދަމުށިކުލައިގެ ފުޅާ ރޮނގުތަކެއް މަހުގެ މަތީބައިގައި ހުރެއެވެ. ތުންފަތާއި ކޮތަރިތައް އަދި މަހުގެ މަތީބައި ހުންނަނީ ދޮންރީނދޫ ކުލައިގައެވެ. ކޮތަރިތަކާއި ނިގޫފަތުގައި ކަޅުކުލައިގެ ލައްތަކެއް ހުރެއެވެ. މަހުގެ ބަނޑުދަށްފަރާތް ހުންނަނީ ރިހު ހުދުކުލައެއްގައެވެ. ކަނޑުގުރުވައިގެ ކުދި ގުރުވަ ކުދި ދިރޭމަހުގެ ވިޔަފާރީގައި ބޭނުންކޮށް އުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 55 ސެންޓިމީޓަރަށެވެ.

އިނގިރޭސި ނަން: : Oriental sweetlips

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!