މަސްވެރިކަމާއި ގުޅޭ

ނަލަ ހިކާ

މިއީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން ގުންޑޮޅިތަކުގައި އުޅޭ ކުޑަ އިސްކޮޅެއްގެ ހިކައެކެވެ. ކުލަތަކެއްގައި ހުންނަ ވަރަށް ނަލަ ހިކައެކެވެ. މިއީ ދިވެހިން ކައިއުޅޭ މަހެއް ނޫނެވެ. ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުން މިބާވަތް ހިފާއުޅެނީ ދިރޭމަސް ބޭރުކުރުމަށް މަސްހިފާ މީހުންނެވެ. މިމަހުގެ ޢާއްމު ކާނާއަކީ މޫދުއަޑީގައި އުޅޭ ތަފާތު ބާވަތްތަކުގެ ކުދިކުދި ދިރުންތަކެވެ. އަދި މިމަސް އުޅޭކަމަށް ބެލެވިފައިވަނީ 2 މީޓަރާއި 30 މީޓަރާ ދެމެދުގެ ފުންމިނުގައެވެ.

މިބާވަތުގެ ހިކާ ރޭގަނޑުގެ ވަގުތުތަކުގައި ވެލިގަނޑުމަތީގައި ވަޅުޖަހައިގެން ނިދާފައިތިބޭކަން ފާހަގަކުރެވެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރީގައި 9 ހަރުކަށްޓާއެކު 11 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި 3 ހަރުކަށްޓާއެކު 11 މަޑުކަށްހުރެއެވެ. މީގެ އަންހެން ހިކާ ހުންނަނީ ފިޔާތޮށި ކުލައިގައި، ރީނދޫކުލައިގެ ރޮނގުތަކެއް ދަމާފައެވެ. ފިރިހެން ހިކާ ހުންނަނީ ފެހިކުލައިގައި އޮރެންޖު ކުލައިގެ ރޮނގުތަކެއް ދަމާފައެވެ. އަންހެން މަހުގެ ބުރަކަށިމަތީ ކޮތަރީގައި ކަޅުކުލައިގެ ދެލައް ފާޅުކޮށް ހުރެއެވެ. މިދެލަފުގެ ކައިރިފަށް ހުންނަނީ ހުދުކުލައިގައެވެ. މިބާވަތުގެ ހިކާ 12 ސެންޓިމީޓަރަށް ބޮޑުވާކަމަށް ވެއެވެ. މިހިކަޔަށް ކިޔާ ވަކި ޚާއްޞަނަމެއް ރެކޯޑް ކުރެވިފައި ނެތުމާއެކު މަހަށް ކިޔާ އިނގިރޭސި ނަމާ ގުޅޭގޮތަށް މަހުގެ ސިފައަށް ވިސްނާ "ނަލަހިކާ" ކިޔާފައިވަނީއެވެ.

އިނގިރޭސި ނަން: : Adorned wrasse

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ހިކާ ގެ އެއްވެސް ބާވަތަކީ ވިހަ އެއްޗެއްތޯ؟

Comments are closed.