ކުޑަކުދިންނަށް އަމާޒުކޮށްގެން “ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ – Lets fish the Maldivian way” ގެ ނަމުގައި ފޮތްތަކެއް ތައްޔާރުކުރި ފޮތްތައް ބާޒާރަށް ނެރެފިއެވެ.
މި ފޮތް ލިޔުނީ ދިވެހި މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަހްމަދު ޝާފިއުއެވެ. މިއީ ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެލި އަދި ފާނަ މަސްވެރިކަން ކުރާ ގޮތާއި، އެ މަސްވެރިކަމުގައި އެކުލެވޭ މައިގަނޑު ކަންކަން ތުއްތު ކުއްޖާއަށް އެނގޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. މިފޮތްތައް ލިބެންހުންނާނީ ނޮވެލްޓީ ބުކްޝޮޕުންނެވެ.
މީގެތެރޭގައި ކުލަ ޖައްސާ ފޮތްތަކެއްވެސް ހިމެނެއެވެ. މި ފޮތްތައް ލިޔެފައިވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ.
މި ފޮތް ފަރުމާކޮށްފައިވަނީ ދިވެހިން މަސްވެރިކަން ކުރަމުންއަންނަ ގޮތާއި މަސްވެރިކަމުގައި ބޭނުންކުރާ އާލަތްތައް ތުއްތު ކުދިންނަށް ފަސޭހައިން އެނގޭނެ ފަދަ ގޮތަކަށެވެ. އަދި ތަސްވީރުން ވާހަކައެއް ސިފަވާ ގޮތަކަށެވެ.

މި ފޮތްތަަކާބެހޭ ގޮތުން މަސްވެރިން އެމްވީއަށް މަޢުލޫމާތުދެއްވަމުން އަހުމަދު ޝާފިޢު ވިދާޅުވީ މަސްވެރިކަމުގެ މަޢުލޫމާތު ތުއްތުކުދިންނަށް ދަސްކޮށްދިނުމުގެ ނިޔަތުގައި އުފެއްދި މި ފޮތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
“މި ފޮތަކީ ތުއްތު ކުދިންނަށް ޚާއްޞަ ފޮތްތަކެއް. މަސްވެރިކަމުގެ މަޢުލޫމާތާއި މި މަސައްކަތްކުރާ ގޮތް މި ފޮތްތައް މެދުވެރިކޮށް ތުއްތު ކުދިންނަށް ވަރަށް ފަސޭހައިން ދެނެގަނެވޭނެ. މި ފޮތްތައް ފަރުމާކޮށްފައިވަނީ ތުއްތު ކުދިން ވަރަށް ޝައުޤުވެރިވާނެ ފަދަގޮތަކަށް.” ޝާފިޢު ވިދާޅުވިއެވެ.


