މާލެ އަތޮޅުން ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފްލާގައި މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި 35 އަހަރުން ދަށުގެ ކެޔޮޅަކާއި އެންމެ ތަޖުރިބާ ހުރި 35 އަހަރުން މަތީގެ ކެޔޮޅު ހޮވައި، އެ މީހުންނަށް ޚާއްސަ އެވޯޑެއް ދޭގޮތަަށް ހަމަޖައްސާފައިވާ ކަމަށެވެ.
ފޯމް ފުރިހަމަ ކުރުމަށްފަހު ނޮވެމްބަރު 15 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ، އަދި މި ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން މީހަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް admin@fishagri.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ކްރައިޓީރިއާ، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 ވަނަ ދުވަހެވެ. މިމަހުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ.