ރާއްޖޭގައި މަސްވެރިކަން ކުރާގޮތް ޒުވާން މަސްވެރިޔާ ސާޖިންގެ ވީޑިއޯތައް މެދުވެރިކޮށް އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕެސިފިކް އެންޑް އެންވަރަމެންޓް، ޒެކް ގޯލްޑް ސްމިތުގެ ސަމާލު ކަމަށް ގެެނެސްފިއެވެ.
ޒުވާން މަސްވެރިއާގެ ނަމުގައި ޓްވިޓަރ އަދި ފޭސްބުކްގައި ހަސަން ސާޖިންދަނީ ރާއްޖޭގެ މަސްވެރިކަމާއި ގުޅޭ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކުރަމުންނެވެ. އެގޮތުން މިއަދު ސާޖިން ޓުވިޓަރގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އިނގެރޭސި ވިލާތުގެ ކަނޑުތަކާއި އަދި ތިމާވެއްޓާވެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒެކް ގޯލްޑްސްމިތު ޓެގްކޮށްފައެވެ. އަދި މިއާއެކު ސްޓޭޓް މިނިސްޓަރު ވަނީ "އަ މޮޑެލް ފޮރ ދަ ވޯލްޑް" ނުވަތަ "ދުނިޔެއަށް ހުރި މިސާލެއް" ކަމަށް ވިދާޅުވެ މި ވީޑިއޯ ރީޓްވީޓް ކުރައްވާފައެވެ.
ސާޖިން ހިއްސާކުރި ވީޑިއޯއަކީ ރާއްޖޭގައި ތިވާމެއްޓާ ރައްޓެހި ގޮތަށް ކުރަމުންދާ ދޮށީގެ މަސްވެރިކަމުގެ ވީޑިއޯއެކެވެ. ބެލެވޭ ގޮތުގައި ސްޓޭޓް މިނިސްޓަރު އެ ވިދާޅުވީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަކީ ދުނިޔެއަށް ހުރި މިސާލެއް ކަމަށެވެ.
A model for the world https://t.co/79SeQ91tI4
— Zac Goldsmith (@ZacGoldsmith) October 23, 2021
މިއާއެކު ބޭރު ޤައުމުތަކުގެ ގިނަ ބައެއްގެ ސަމާލުކަމަށް މި ވީޑިއޯވަނީ އައިސްފައެވެ. ޒެކް ގޯލްޑްސްމިތުގެ ޓުވިޓަރ ފޮލޯވަރުންގެ އަދަދު 95 ހާހަށްވުރެ ގިނައެވެ.
ޒެކް ގޯލްޑްސްމިތުގެ ރީ-ޓުވީޓަށް މީހުން ކޮމެންޓު ކުރަމުންދާއިރު، ދިވެހިން މަސްވެރިކަން ކުރާގޮތަށް ގިނަ ބަޔަކު ދަނީ ތަޢުރީފް ކުރަމުންނެވެ.
ޒުވާން މަސްވެރިޔާގެ ސޯޝަލް މީޑިއާއަކީ މިވަގުތު މަސްވެރިކަމުގެ ފޮޓޯ އަދި ވީޑިއޯ ހިއްސާކޮށް މަސްވެރިކަމާއި ގުޅުންހުރި މައުލޫމާތު ގެނެސްދިނުމަށް އެންމެ ކުރީގައި އުޅޭ އެއް މީޑިއާއެވެ. ސާޖިންގެ ސޯޝަލް މީޑީއާ ބަލާ އަދަދު އުޅެނީ މަހެއްގެ މަށްޗަށް އެވްރެޖްކޮށް 10 މިލިއަނަށްވުރެ މަތީގައި ކަމަށް ސާޖިން މައުލޫމާތު ދެއެވެ. އެއީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމް ގެ ޒަރިއްޔާއިން ހިއްސާކުރާ ޕޯސްޓްތަކުގެ “ޕޯސްޓް ރީޗް” އެވެ.
ސާޖިންގެ ވީޑިއޯއަށް ގިނަ އަދަދެއްގެ ބޭރުގެ ފަރާތްތައް ކޮމެންޓުކޮށްފައި ހުރެއެވެ. ދޮޮށީގެ މަސްވެރިކަމަކީ ބޭރުގެ ގިނަ ފަރާތްތަކަށް އެހާ ދެކެ ފަރިތަ ބާވަތެއްގެ މަސްވެރިކަމެއް ނޫނެވެ. އަދި ރާއްޖޭގައި ކުރަނީ މިފަދަ މަސްވެރިކަމެއް ކަން އެނގި ރާއްޖޭގެ މަސްވެރިންނަށް ތަޢުރީފްގެ ބަސްތައް ބުނެފައި ހުރެއެވެ.