މަސްވެރިކަމާއި ގުޅޭ

ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ
ހިބަރު މަސްވެރިކަން - ފޮޓޯ: ލައްޓި ފިޝިންގ ގްރޫޕްގެ

ހިބަރު މަސްވެރިކަމަށް ނަޒަރެއް: ހިބަރު ބާނާނެ ގޮތް

ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ކުރާތާ ގިނަ އަހަރުތަކެއްވީ ނަމަވެސް، އެ މަސްވެރިކަން އޮތީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމެއްގެ ގޮތުގައެވެ. ނިމިދިޔަ ގަރުނުގެ ތެރޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާވުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަންކުރާ ފަރާތްތަކަށް މަސް ވިއްކުމަށް އިތުރު މާކެޓްތަކެއް ހުޅުވިގެން ދިޔައެވެ. އަދި ދިވެހިރާއްޖޭގައި ހިބަރުގެ މަސްވެރިކަން ފުޅާވެ، މަސްވެރިންނަށް ލިބޭ މަންފާ އިތުރުވެގެން ދިޔައެވެ. އަދި އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމެއްގެ ގޮތުގައި އޮތް ހިބަރުގެ މަސްވެރިކަން ވިޔަފާރީގެ ބޭނުމަށްކުރާ މަސްވެރިކަމަކަށް ބަދަލުވެގެންދިޔައެވެ.

ދިވެހިރާއްޖޭގައި ހިބަރުގެ ބާވަތްތައް ބާނާ އަދަދު ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން ހިބަރުގެ މަސްވެރިކަން ކުރެވޭ މިންވަރު އެހާ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، 2010 ވަނަ އަހަރުގެ ކުރިން ޤާއިމުކޮށްފައި އޮތް "މަސް ރިޕޯޓު“ ފޮނުވުމުގެ ނިޒާމުގެ ތެރެއިން ހިބަރު ބާނައިފައިވާ މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަނެވިފައިވެއެވެ. މި އިންތިޒާމު ހަމަޖެހިފައި އޮތް ގޮތަކީ މަސްވެރިން ކޮންމެ ދުވަހަކު ބާނާ ހިބަރުގެ މިންވަރު ކޮންމެ ރަށެއްގެ ރަށު އޮފީހުގައި ހުންނަ ކަނޑައެޅޭ ވަކި މުވައްޒަފަކު ރިކޯޑުކޮށް، ފިޝަރީޒް ނިސްޓްރީގައި އޭރު ހުންނަ މަޢުލޫމާތާއި ތަފާސްހިސާބު ބެލެހެއްޓުމާބެހޭ ސެކްޝަނާ ހިއްސާކުރަނީއެވެ މިގޮތަށް ރިޕޯޓު ފޮނުވުމުގެ އިންތިޒާމުގެ ދަށުން ލިބެމުން އައި މަޢުލޫމާތުތައް މަދުވަމުން ގޮސް ރަސްމީކޮށް ހުއްޓާލައިފައިވަނީ 2018 ވަނަ އަހަރުގައެވެ. މިހާރު ހިބަރު ބާނާ މިންވަރާބެހޭ މަޢުލޫމާތު އެއްކުރަނީ 2010 ވަނަ އަހަރު ތަޢާރުފު ކުރެވުނު ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ލޮގްފޮތް މެދުވެރިކޮށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކޮށްފައިވާ ސާވޭތަކަށް ބިނާކޮށް ލަފާކުރެވޭގޮތުގައި ގާތްގަނޑަކަށް 850 އުޅަނދު އަދި 1300 އެއްހާ މަސްވެރިން ހިބަރު މަސްވެރިކަމުގައި ޝާމިލްވެއެވެ. މީގެތެރެއިން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތެއްގެ ގޮތުގައި ހިބަރުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާރޓް ޓައިމްކޮށް މި މަސައްކަތުގައި އުޅެނީ ނިސްބަތުން ކިހާ މަސްވެރިންނެއްކަން ދެނަގަންނަން ދައްޗެވެ.

މި މަސްވެރިކަމުގައި އާންމުކޮށް ބޭނުންކުރަނީ ތިން ހަތަރު މީހަކަށް ތިބެވޭ، ދިގު މިނުގައި 15 ވަރަކަށް ފޫޓު ހުންނަ ކުދި ދޯނިފަހަރެވެ. މިފަދަ ކުދި އުޅަނދުތަކުން މޫސުމާއި، މަހުގެ އަގާއި، މަސްބޭނޭނެ ކަމުގެ ޔަގީންކަމަށް ބަލައި ބައެއްފަހަރު ފަރުމަސްވެރިކަމުގައި ވެސް ޝާމިލްވެއެވެ. ލަފާކުރެވޭ ގޮތުގައި ރާއްޖޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2300 މެޓްރިކް ޓަނުގެ ހިބަރު ބާނައެވެ.

ހިބަރު މަސްވެރިކަމުގައި އާންމުކޮށް ދެބާވަތެއްގެ އާލާތް ބޭނުންކުރެވެ. އެއީ ވަދުނަނު އަދި ބޮއި ނަނެވެ. މި ދެގޮތުގެ ތެރެއިން ބޭނުންކުރާނެ އާލާތެއް ކަނޑައަޅަނީ މޫސުމަށް ބަލާފައެވެ. މިގޮތުން، ހުޅަނގު މޫސުމުގެ ކުރީކޮޅުގައި ގިނަ މަސްވެރިންނަށް ކަމުދަނީ ބޮއި ނަނަށްވުރެ ބޮޑަށް ވަދުނަނެވެ. މަސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ މުޅި އަހަރުތެރޭގައިވެސް ހިބަރު މަސްވެރިކަން ކުރުމަށް އެންމެ ރަނގަޅު ދުވަސްވަރެވެ. ވަދުނަނު ބޭނުންކުރާއިރު، ދޯންޏަކުން 5 ވަރަކަށް ނަނު އެއްފަހަރާ ދޫކޮށްލައެވެ. މީގެ ކޮންމެ ތަނެއްގައި ހިބަރަށް ޚާއްޞަ ވަދެއް އައްސައިފައި އޮވެއެވެ. މި ވަދުގައި ހިބަރު ހިފަން އަންނަ ވަގުތު އޭގެ ތުންގަނޑުގައި ވަދު އޮޅުމުން ތުންގަނޑުގައި ހިފައި، ދޯންޏަށް އެރުވުމަށްފަހު އޭގެ ބޮލުގައި ބާރަށް ޖަހައި މަރާލަނީއެވެ.

ބޮއި ނަނަކީ ބައެއްގައި އައްސައި، އޮޔަށް ދޫކޮށްލާފައި އޮންނަ ތަނެކެވެ. މިތަނުގެ ކޮޅުގައި އެމަކާއެކު ބުޅިއެއް ލައިފައި ހުރެއެވެ. ކޮންމެ ދޯންޏަކުން 15 ވަރަކަށް ނަނު އެއްފަހަރާ ދޫކޮށްލާފައި ހުރެއެވެ. މިގޮތަށް ނަނު ދޫކުރާއިރު ބައެއް ފަހަރު ބަރިއެއް ލައިފައި، އަނެއްބައި ފަހަރު ބަރިއެއް ނުލައިވެސް ދޫކޮށްލައެވެ. މިކަމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެމުގެ ބާވަތްތަކުގެ ތެރޭގައި މުށިމަސް، ރިއްމަސް، އަދި ވާލަން ރޮނޑު ހިމެނެއެވެ.

ވަދުނަނު އަދި ބޮއި ނަނުގެ އިތުރުން ހޭމަސް ހެލުމަކީވެސް ކުރީގައި އަދި މިހާރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކުރާ ހިބަރު މަސްވެރިކަމުގެ ވަރަށް ތަފާތު ބާވަތެކެވެ. މިކަން ކުރާއިރު ބޭނުންކުރަނީ މަޑަ ކިޔާ އާލާތެކެވެ. އެއީ ބުޅިއެއް ތިއްބާފައި އޮންނަ ކަނދެކެވެ. މިބުޅީގައި ވަލެއްވެސް އައްސާފައި އޮވެއެވެ

މިކަމުގައި ކަންކުރާ ގޮތަކީ، ދޯނީގެ ދުވެލި މަޑުކުރުމަށްފަހު މޫދުގައި ރޮނގު އެޅޭ ގޮތަށް ކަނދުގަނޑު ފިރުކައިލަނީއެވެ. ކަނދުގަނޑުގައި ހިފަން ހިބަރު އަންނަ ވަގުތު ދޮއްދަނޑީގައި އަޅާފައި އޮންނަ ބުޅި މަހަށް ޖަހަނީއެވެ. ހިބަރު މަސްވެރިކަން ކުރާ އުޅަނދުތައް އާންމު ގޮތެއްގައި އުޅެނީ އަތޮޅުން ބޭރުގައެވެ. މީގެ މަސްދަތުރެއްގައި ހޭދަވަނީ ގާތްގަނޑަކަށް 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ.

ހިބަރަށް އަމާޒުކޮށް ކުރާ މަސްވެރިކަމުގެ އިތުރުން، 1985 އާ 2009 އާ ދެމެދު އަދި 2011 އިން 2019 އާ ދޭތެރޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށް ކުރި ލޭނުގެ މަސްވެރިކަމުގައި ބައިކެޗެއްގެ ގޮތުގައިވެސް ހިބަރު ބޭނިފައިވެއެވެ. މީގެތެރޭގައި ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ ތުންގަނޑު ހިބަރެވެ. މީގެ އިތުރުން އެހެނިހެން ކަނޑުމަސް އަދި ފަރުމަސް ބާނާ މަސްވެރިން ވެސް ހިބަރު ބާނާކަމަށް ވެއެވެ.

މަސްދަރު: ދިވެހިރާއްޖޭގެ ހިބަރު މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭން

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!