މޫދުގައި އުޅޭ މަސްތަކުގެތެރެއިން ބަލާލަން އެންމެ ރީތި މަސްތަކުގެތެރޭގައި ފަންހާމަސް ހިމެނޭނެއެވެ. މަހުގެ ގައިގައި ހުރަހަށް ރޮނގުތަކެއް ހުންނަ ދިގު ރީތި ފިޔަ ގަނޑެއް ލިބިފައިވާ މި މަހަކީ ރާއްޖެއިން ވަރަށް ގިނައިން ފެންނަ މަހެކެވެ. މިއީ އެންމެ ރީތި މަސްތަކުގެ ތެރޭގައި ހިމެނޭ މަހެކެވެ. ފަންހާމަސް އާއްމުކޮށް އުޅެނީ ތިލަ ހިސާބު ތަކުގައެވެ. ރަށްރަށުގެ ފަރުމަތީ ތިލަ ހިސާބުތަކުގައި މި މަސް ވަރަށް ގިނައިން އުޅެއެވެ.
ފަންހާ މަސް ކައި އުޅެނީ ކުދި މަސްމަހެވެ. ފަންހާމަހަކީ އަވަސް އަވަހަށް ވިހާ މަހެކެވެ. މިގޮތުުން ފަންހާމަހެއް އަހަރެއްްގެ ތެރޭ 2 މިލިއަން ބިސް އަޅާކަމަށް ދިރާސާތަކުން ދައްކައެވެ. ބަލާލަން ކިތަންމެ ރީއްޗަކަސް މިއީ ރާއްޖޭގެ ކަނޑުތަކުން ފެންނަ އެންމެ ނުރައްކާތެރި މަސްތަކުގެތެރޭގައި ހިމެނޭ މަހެކެވެ. މިމަސް ނުރައްކާތެރިވަނީ މީގެ ހުންނަ ވިހަ ގަދަ ކަށިތަކުގެ ސަބަބުންނެވެ.

ފަންހާމަހަކީ މަޑުމައިތިރި މަހެކެވެ. ފަންހާމަހަކީ މޫދުން މީހަކު ފެންނައިރަށް ގަސްދުގައި މީހުންނަށް ހަމަލާދޭ މަހެއް ނޫނެވެ. އަދި މިމަހަކީ އާއްމުކޮށް މީހުންނަށް ހަމަލާދީ ހަދާ މަހެއް ވެސް ނޫނެވެ. މިމަސް މީހަކަށް ހަމަލާދޭނީ އެ އެއްޗަށް އެމީހެއްގެ ފަރާތުން ނުރައްކަލެއްގެ އިހްސާސްވުމުން އެ މަހުގެ ސަލާމަތަކަށެވެ. މީހެއްގެ ފަރާތުން މިމަހަށް އުނދަގުލެއް ވެއްޖެ ނަމަ މަހުގައި ހުންނަ ހުރިހާ ކޮތަރިތަށް ފަތުރާލައެވެ. އަދި ބޯމައްޗަށް ވާގޮތަށް އިންނަ ކަށި އެމީހެއްގެ ގަޔަށް ހަރާލައެވެ.

ފަންހާ މަސްތަކުގެތެރެއިން އެންމެ ފާހަގަކޮށްލެވޭ މަހަކީ ރެޑް ލަޔަން ފިޝްއެވެ. ބައެއް މީހުން މިމަސް ޓޭންކުތަކުގައިވެސް ގެންގުޅެއެވެ. ފަންހާމަހެއްގެ ކަށި ގަޔަށް ހެރިއްޖެނަމަ، އިންތިހާއަށް ދަތު އިޙްސާސްވާނެއެވެ. އަދި މީހަގެ ހާލަތު ދަށަށް ދަމުންގޮސް، ގައިގެ ބައެއް ގުނަވަންތަކުން ވާގި ދިޔުންވެސް އެކަށީގެންވެއެވެ. އަދި ބައެއް ފަހަރު މީހާގެ ފުރާނަޔަށް ނުރައްކާވާ ހާލަތަށްވެސް ދެއެވެ. ފަންހާމަހެއް ކަށި ޖެހުމުން އޭގެ އަސަރު ހަށިގަނޑަށް ކުރަން ނިމެޓު ތަކެއް ނޫނީ ގަޑިއިރުތަކެއްވެސް ނަގާފާނެއެވެ. އަދި ހަށިގަނޑުން ވިހަތަށް ބޭރުވެ، މިކަމުން ސަލާމަތްވާން މަހެއްހާ ދުވަސްވެސް ނަގާފާނެއެވެ.

ފަންހާ މަހެއް ގަޔަށް ކަށި ޖަހައިފި ނަމަ އަމަލުކުރާނެ ގޮތް
- އަތަށް އަނގި އެރުވުމަށްފަހު، ޓުވީޒަރއަކުން ކަށި ނެއްޓުން
- ކަށި ޖަހާފައިވާ ހިސާބަށް ފިއްތާ ނެހެދުން
- ކަށި ޖަހާފައިވާ ހިސާބު ސައިބޯނި ލައިގެން ދޮވުން
- ކަށި ޖެހި ތަން ހޫނު ފެނަށް ލުން، ނޫނީ ހޫނު ފެނުން ފެންވަރާލުން (10-20 މިނެޓުވަންދެން)
- ތަދުކަނޑުވާ ބޭސް ކެއުން
- ގައިގެ ކަށި ޖެހި ހިސާބުގައި މަހުގެ ކަށީގެ ތަންކޮޅެއް ނެތްކަން ޔަޤީންކުރުމަށް އެކްސްރޭ އެއް ހެދުން
ސިއްޙީ އަވަސް ފަރުވާ ހޯދަން ޖެހޭ ހާލަތްތައް
- މަސްގަނޑުގައި މާ ގަދަޔަށް ރިއްސުން ނޫނީ އަކުނިވަޔަށް ދެމުން
- ތަދު ނުކެނޑި ދިގުދެމިގެން ދިޔުން
- މޫނު މައްޗަށް އަނދިރިވާހެން ހީވުން
- އިންފެކްޝަންގެ އަލާމަތްތައް ކަމުގައިވާ، ހުންއައުން، ދުޅަވުން، ދޮސްއައުން ގަދަ ކަންތައްތައް ދިމާވުން
މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޚީ އެހީތެރިކަން ހޯދަންޖެހެއެވެ. ނޫންނަމަ މަހުގެ ވިހައިގެ އަސަރު މުޅި ހަށިގަނޑަށް ކޮށް މިވޭނުގައި އެތައް ދުވަހެއް އުޅެންޖެހިދާނެއެވެ.