މަސްވެރިކަމާއި ގުޅޭ

އަނދުން މިޔަރު

އަނދުން މިޔަރަކީ ގިނައިން އަތޮޅުންބޭރު މާކަނޑުތަކުގައި އުޅޭ މިޔަރެކެވެ. ނަމަވެސް މަދުމަދުން އެތެރެވަރީގެ ކަނޑުތަކަށް މިމިޔަރު އައިސް އުޅޭކަމަށްވެއެވެ. މިއީ ހިމަތޮޅި ތުންދިގުކޮށް ހުންނަ މިޔަރެކެވެ. އަނދުންމިޔަރަކީ ޢާއްމުގޮތެއްގައި މަޑުން ދަތުރުކޮށްއުޅޭ މިޔަރެއްކަމުގައިވިޔަސް ސިހޭފަދަ ކަމެއް ދިމާވުމުން އާދަޔާ ޚިލާފަށް މާބާރަށް ދުވާކަމަށްވެއެވެ. މިއީ އިންޑިއާކަނޑުގެ ހޫނުހިސާބުތަކުގައްޔާއި، ފިނި ކަނޑުތަކުގައިވެސް ގިނައިން އުޅޭ މިޔަރެކެވެ. މިސަރަޙައްދުގައި މިބާވަތުގެ މިޔަރުއެންމެ ގިނައިން އުޅެނީ 80 މީޓަރާއި 220 މީޓަރާ ދެމެދުގައެވެ. ސަބަބަކީ އަނދުން މިޔަރު އުޅެން ބޭނުންވާ ފިނިހޫނުމިނަކީ 7 އާއި 16 ޝާންޓިގްރޭޑްއާ ދެމެދުކަމަށް ވާތީއެވެ.

އަނދުން މިޔަރު ވިހާފަހަރަކު 4 އާއި 135 ދެމެދުގެ އަދަދަކަށް ޅަމިޔަރު ވިހާކަމަށް ވެއެވެ. މިޔަރުގެ ކާނާއަކީ މަހާއި، ކުދިމިޔަރާއި، ބޯވަދިލަމަހާއި ކަނޑުގެ މަތީބައިގައިއުޅޭ ކަކުނިފާޑުގެ ސޫތްޕެވެ. މިބާވަތުގެ މިޔަރު ބައެއްފަހަރު ކަނޑުގައި ޖައްސައިގެން ތިބޭ ކަނޑުމަތީ ދޫނިވެސް ކައިހަދާކަމަށްވެއެވެ. މިއީ ބައެއްފަހަރު ކަނޑުފަޅު ފީނާ މީހުންނަށް ޙަމަލާދީ އުޅޭ މިޔަރެކެވެ. އަނދުން މިޔަރު އެންމެބޮޑުވާކަމަށްވަނީ 3.8 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަނީ 3.3 މީޓަރަށްވުރެ ކުދި މިޔަރެވެ. މިއީ މާކަނޑުގައި ލޭނުއަޅައިގެން ކުރާ މަސްވެރިކަމުގައި ބޭނޭ
މިޔަރެކެވެ. މިމިޔަރުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައެވެ. ބަނޑުދަށްފަރާތް ހުންނަނީ ފަނޑު ހުދުކުލައެއްގައެވެ.

އިނގިރޭސި ނަން: blue shark

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!