FCw5BtPXIAQEukB

ރާއްޖޭގެ މަހުގެ އުފެއްދުންތަށް ތުރުކީގައި ވިއްކުމާއި ގުޅޭގޮތުން އެޤައުމުގެ ސީޕުޑް އިމްޕޯޓަރުންނާއި އެކު މަޝްވަރާކޮށްފި

ރާއްޖޭގެ މަހުގެ އުފެއްދުންތަށް ތުރުކީގެ ބާޒާރުގައި ވިއްކުމާއި ގުޅޭގޮތުން އެޤައުމުގެ ސީޕުޑް އިމްޕޯޓަރުންނާއި ޕްރޮސެސަރުންނާއި އެކު ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްގޮސްފައިވަނީ ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މިހާރު ތުރުކީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރވަނީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހުރި ފުރުސަަތުތަކާއި ގުޅޭ މައުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނާއި ހިއްސާކޮށްފައެވެ.

އެގޮތުން ތުރުކީގެ ޑާރޑަނެލް، ސަގުން އަދި ސަސޫ ކުންފުނީގެ ބޭފުޅުންނާއި އެކު ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންވަނީ މަޝްވަރާކޮށްފައެވެ.

އަދި މި ހުރިހާ ކުންފުންޏަކުންވެސް ރާއްޖޭގައި މަހުގެ އުފެއްދުންތަށް އެކްސްޕޯޓުކުރާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.

މިނިސްޓަރ ހުސެއިން ރަޝީދު ތުރުކީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ 8 ވަނަ އޯއައިސީ ( އޮގަނައިޒޭޝަން ފޮރ އިސްލާމިކް ކޯރޕަރޭޝަން)އިން ކާނާގެ ޔަޤީން ކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ބާއްވާ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެެރެއިން މިނިސްޓަރ ހުސެއިން ރަޝީދުވަނީ ތުރުކީގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑު ފޮރެސްޓްރީ ބަކީރު ޕެކްޓަރމަރލީއާއި ވެސް  ބައްދަލުކުރައްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!