ooredoo

ދޯނިފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަމް ހަރުކުރުމުގައި އުރީދޫ "ފެއިލްވެއްޖެ"

ވެސަލް މޮނިޓަރިންގ ޑިވައިސް ހަރުކުރުމުގައި އުރީދޫ މޯލްޑިވްސްއިން ހަމަ ރަނގަޅަށްވެސް ފެއިލްވެފައިވާކަމަށް މަސްވެރިންނާއި އޮޑިވެރިން ބުނަން ފަށައިފިއެވެ.

މަސްވެރިން އެމްވީއަށް މަޢުލޫމާތުދިން ބައެއް ދޯނިފަހަރުން ބުނީ މި ސިސްޓަމް ހަރުކުރަން އުރީދޫއިން ގުޅާ އެތައް ދުވަހެއް ފަހުން ލިބުނު އެޕޮއިންޓްމެންޓްވެސް ކެންސަލް ކޮށްފައިވާކަމަށެވެ. އަދި މި ސިސްޓަމް ހަރުކުރަން ދޯނި ހުޅުމާލެއަށް ގެނަސް މިއަންނަނީ މިއަންނަނީއޭ ކިޔާ ތިން ހަތަރު ދުވަހު ދޯނި ފަޅުގައި ބާއްވަމުންދާކަމަށް މަސްވެރިން ބުނެއެވެ. އަދި މި ސިސްޓަމް ހަރުކުރުމުގައި އުރީދޫއިން ދޮގު ހަދަމުންދާކަމަށާއި މި ޕްރޮޖެކްޓް ހިންގުމުގައި އެކުންފުނި ހަމަރަނގަޅަށްވެސް ފެއިލްވެފައިވާކަމަށް މަސްވެރިން ބުނެއެވެ.

"އަޅުގަނޑުމެން ހުޅުމާލެއަށް އައީ އުރީދޫއާ ވާހަކަދައްކާފަ އަންނަ ދުވަހު އެ ސިސްޓަމް ހަރުކުރެވޭނެއޭ ބުނީމަ އުރީދޫން ބުނި ދުވަހަށް. އެދުވަހު ގުޅީމަ ބުނި މި އަންނަނީއޭ. އަނެއް ދުވަހު ގުޅީމަ ބުނި އެބަ ދަމޭ. އަނެއްކާ އަނެއްދުވަހު ގުޅީމަ ބުނި ދެވޭތޯ ބަލާނަމޭ. ނާދެވުނު. މިގޮތަށް 3 ހަތަރު ދުވަހު އަޅުގަނޑުމެން މަހަށް ނުފުރާ އޮންނަން ޖެހުނު. އެންމެ ފަހުން މިއައީ ދޯނީގައި ސިސްޓަމް ހަރު ނުކޮށް. އެންމެ ދުވަހެއްވެސް މަހަށް ނުފުރާ އޮތުމަކީ އެތައް އާއިލާއަކަށް ލިބޭ ގެއްލުމެއް." ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުން ބުންޏެވެ.

މިކަމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން މަސްދޯނިފަހަރުގައި ވެސަލް ލޮކޭޓިން ޑިވައިސް ހަރުކުރުމުގެ މަޝްރޫޢު ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ވޯލްޑް ބެންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢު ހަވާލުކޮށްފައިވަނީ އުރީދޫ މޯލްޑިވްސްއާ އެވެ. މި މަޝްރޫޢުގެ ދަށުން މަސްވެރިކަމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުގައި މި ޑިވައިސް ހަރުކޮށްދެނީ އެއްވެސް ފީއެއް ނެގުމަކާއި ނުލައެވެ. މިއީ ގާތްގަނޑަކަށް ފަސްދޮޅަސް ހާސް ރުފިޔާގެ އަގުހުރި ޑިވައިސްއެކެވެ.

އިތުބާރުހުރި ގޮތެއްގައި މަސްވެރިން އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެސަލް މޮނިޓަރިންގް ޑިވައިސް ހަރުކުރުން މަޖުބޫރު ކުރުމަށް ފިޝަރީން މިނިސްޓްރީން ވަނީ ނިންމައިފައެވެ. މިގޮތުން ކުރިއަށް އޮތް ތާންގައި ދޯނިފަހަރަށް މަސްވެރިކަމުގެ ލައިސަންސް ދޫކުރާނީ މި ޑިވައިސް ހަރުކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަން މަޖުބޫރު ނުކުރެވިގެން އުޅެނީ މި ސިސްޓަމް ހަރުކޮށްދިނުމުގައި މައްސަލަތައް އުޅޭތީކަމަށް މަޢުލޫމާތު ލިބެއެވެ. ސިސްޓަމް ހަރުކުރުމުގައި އުރީދޫއިން އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ފިޝަރީޒް މިނިސްޓްރީއާ ޚިއްޞާ ކޮއްފައިވާކަމަށް މަސްވެރިން ބުނެއެވެ.

އުޅަނދުފަހަރުގައި ހަރުކުރާ އެންމެ ޒަމާނީ ވެސަލް ލޮކޭޓިންގ ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، ފިޝަރީޒް މިނިސްޓްރީގައި ގާއިމްކޮށްފައިވާ ޚާއްސަ މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ޤާބިލްކަން ލިބިގެންދާނެ ކަމަށް ފޮޝަރީޒް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

މީގެއިތުރުން، އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މަޢުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސް ތަކަށް ފޮނުވަމުންދާނެ ކަމަށްވެއެވެ. އަދި މިކަމުގެ ސަބަބުން، ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޑިވައިސްގެ ޒަރިއްޔާއިން އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައި ވެސް އުޅަނދުގެ ޓްރެކިން ބަލައި ލެވޭނެއެވެ.

އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓަރކުރެވޭނެ ޑިވައިސްތައް ހަރުކުރަނީ ބައިނަލްއަޤްވާމީ މުޖްތަމަޢު އަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަކީ، ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަސްވެރިކަން ކުރާ އުޅަނދުތަކެއް ކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިގޮތަށް ޑިވައިސް ހަރުކުރެވި މަސްވެރިކަން އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓެމުން ގެންދާކަން ކަށަވަރުކޮށްދިނުމަކީ، ދިވެހިރާއްޖޭގައި ބާނާ މަސް ބައިނަލްއަޤްވާމީ އިތުރު މާކެޓްތަަކަށް އެކްސްޕޯޓްކުރުމުގެ ފުރުސަތު ހުޅުވި، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޢަމިއްލަ މީހުން ތިމަންނަ އަކީ ބުރޭންޑެކޭ ކިޔާ ސަނާ ކިޔާ މީހުން ވަޒީފާގަ ތިބީމަ ވެދާނެ ތިހެން