0974EF0B-CFA4-447D-9119-7453946D46AF

2022 ބަޖެޓު: މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް 94 މިލިއަން ރުފިޔާ

ރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށް ކުރަމުންދާ، އެންމެ މުހިންމު މަސައްކަތްތަކަކީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، އުފެއްދުންތެރިކަމުގައި މި ދާއިރާތަކުގެ ހިއްސާ އިތުރުކުރުންކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވުއްޖެއެވެ.

2022ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި ދެއްކެވި ވާހަކަފުޅުގައި ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވީ އިޤުތިސާދުގެ ވިލުންވެރިކަން އިތުރުކޮށް، ސިންދަފާތުކުރުމަށް ގިނަ ކަންކަން ކުރަމުންދާ ކަމަށެވެ.

މީގެ ތެރެއިން ކުރަމުންދާ އެންމެ މުހިންމު މަސައްކަތްތަކަކީ ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، އުފެއްދުންތެރިކަމުގައި މި ދާއިރާތަކުގެ ހިއްސާ އިތުރުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ކޮވިޑް-19 ގެ ސަބަބުން މާ ބޮޑު އަސަރެއް ނުކޮށް، 2020 ވަނަ އަހަރު އެންމެ ބޮޑަށް ކުރިއެރި ސިނާއަތަކީ މަސްވެރިކަން. މިގޮތުން 2020 ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތް 10.2 އިންސައްތައިން ކުރިއެރިއިރު، އެ އަހަރު މަސް އެކްޕޯޓްކުރި މިންވަރުވެސް ވަނީ 2019 ވަނަ އަހަރަށް ވުރެ އިތުރު ވެފައި. އަދި 2021 ވަނަ އަހަރާއި މެދުރާސްތާގައިވެސް މިދާއިރާގެ ކުރިއެރުން ދެމެހެއްޓޭނެކަމަށް ބެލެވޭ" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ ވެލިއު އެޑިޝަން އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެެވެ.

ބަޖެޓަށް ބަލާލާއިރު، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓު ޕްރޮގްރާމްގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް 94 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މީގެތެރޭގައި ހިމެނެނީ ޑޮމެންޓިކް ފައިސާއިން 19 މިލިއަން ރުފިޔާއާއި، ލޯނުގެ ގޮތުގައި ހޯދާ 50 މިލިއަން ރުފިޔާގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ހަމަޖެހިފައިވާ 24 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!